ސްޓެލްކޯއަކީ ކަރަންޓުގެ ސިނާއަތައް ކަނބަލުންނެރޭ އަދި އިތުރު ކަނބަލުން މި ސިނާއަތައް ނިކުތުމަށް ހިތްވަރުދޭ ކުންފުންޏެއް ކަމަށް މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.
މުޣުނީ އެގޮތަށް ވިދާޅުވީ، ކަރަންޓުގެ ސިނާއަތުގައި ކަނބަލުންގެ ދައުރު އިތުރު ކުރުމަށް ސްޓެލްކޯއިން ކަނބަލުންނަށް ޚާއްސަކޮށްގެން ހިންގި ނޭޝަނަލް ސެޓިފިކެޓް 3 އިން އިލެކްޓްރީޝަން ކޯހުގެ ނިންމުން ފާހަގަކޮށް، ދަސްވެނިވި ފަރާތްތަކަށް ސެޓިފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
އެ ކޯހުގައި ޖުމްލަ 20 ފަރާތަކުން ބައިވެރިވިނަމަވެސް، ކޮވިޑާއި ގުޅިގެން ކުރިމަތިވި ހުރަސްތަކާއެކު އެ ކޯސް ފުރިހަމަ ކުރެވިފައިވަނީ މީގެ ތެރެއިން 10 ބައިވެރިއަކަށެވެ. އޭގެ ތެރެއިން ދަސްވެނިވެފައިވަނީ 8 ބައިވެރިއެކެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، ކޯސް ނިންމި ހުރިހާ ބައިވެރިންގެ ހިތްވަރު ފާހަގަކޮށް މަރުހަބާ ދަންނަވާ ކަމަށާއި، އަންހެނުންނަށް ޚާއްސަކޮށްގެން ފުރަތަމަ ފަހަރަށް ހިންގި އެކޯހުގެ ބައިވެރިންނަކީ ތާރީޚުގައި ލިޔެވިގެންދާނެ ބައެއް ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން ސްޓެލްކޯއަކީ މަސައްކަތްތެރި ޒުވާނުންތަކެއްގެ ޚިދުމަތް ގައުމަށް ފޯރުކޮށްދޭ މުހިއްމު ޒިންމާތަކެއް އަދާ ކުރަމުންދާ ކުންފުންޏެއް. ތާރީޚީ ގޮތުން ބަލާނަމަ މި ސިނާއަތަކީ ފިރިހެނުން މަސައްކަތް ކުރަމުން ގެންދިޔަ ސިނާއަތެއް. އެހެން ނަމަވެސް މިއަދުގެ މެނޭޖްމަންޓާއެކު، މިކުންފުނި ވެފައިމިވަނީ މި ސިނާއަތައް އަންހެނުން ނިކުތުމަށް ހިތްވަރުދޭ ކުންފުންޏަކަށް" މުޣުނީ ވިދާޅުވި އެވެ.
މީގެ އިތުރުން މިއަދު ކޯސް ފުރިހަމަ ކުރި ހުރިހާ ބައިވެރިންނަކީ ހަމަ އެކަނި ސްޓެލްކޯގެ މުވައްޒަފުންނަށް ނުވުމަކީވެސް މި ސިނާއަތުގައި މަސައްކަތް ކުރަން ޝައުގުވެރިވާ އަދި ދެ ޖިންސްގެ ޒުވާނުންނަށް ވެސް ސްޓެލްކޯއަކީ ހުޅުވާލެވިފައިވާ މުއައްސަސާއެއްކަން ހާމަވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން މިކޯހުން ދަސްވެނިވި ފަރާތްތަކަކީ ހައުސް ވަޔަރިންގ ސެޓެފިކެޓް ހޯދުމުގެ ޝަރުތުހަމަވާ އަދި އެދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުވެސް ތަނަވަސްވެފައިވާ ބައެއް ކަން މުޣުނީ ވަނީ ފާހަގަކުރައްވާފަ އެވެ.
"ސަރުކާރުން މީހުން ބިނާކޮށް އިންސާނީ ވަސީލަތްތައް ބިނާކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މަތީ ތައުލީމު ފޯރުކޮށްދިނުމާއި، ޚާއްސަކޮށް، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށް ކުރައްވާ މަސައްކަތްޕުޅު ފާހަގަކޮށްލަން. އަޅުގަނޑުގެ އުމްމީދަކީ މި އަހަރު ނިމުމުގެ ކުރިން އިތުރު ފުރުސަތުތަކާއެކު، މިކޯހުގެ އިތުރު ބުރެއް މިކުންފުނީގެ ފެށިގެން ދިއުން" މުޢުނީ ވިދާޅުވި އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރުދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ، އެކޯސް ފުރިހަމަ ކުރި ފަރާތްތަކަށް އަމިއްލަ ނަމުގައްޔާ މަޖިލީހުގެ ނަމުގައި މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މިފަދަ މަސައްކަތްތަކަކީ އަންހެނުންގެ ބައިވެރިވުން ކުޑަ މަސައްކަތްތަކެއްގެ ގޮތުގައި ފާހަގަ ކުރެވޭ މަސައްކަތްތަކެއް ކަމަށާއި، އެހެން ނަމަވެސް، މިއަދު މިކޯސް ނިންމި ކަނބަލުން ވެގެންދާނީ މުސްތަގުބަލުގައި މި ދާއިރާއަށް ނިކުންނަށް ބޭނުންވާ އަންހެނުންނަށް ހިތްވަރަކަށް އަދި ބިންގަލަކަށް ކަމަށެވެ.
"މިއީ ދެވަނަ ފަހަރު އަޅުގަނޑަށް ސްޓެލްކޯގެ މިފަދަ ހަފްލާއަކަށް ދައުވަތު ލިބުނު. މި ބިލްޑިންގ އަށް އަޅުގަނޑަށް ވަދެފައި ނިކުމެވެނީ ފަހުރުވެރިކަމާއެކު، އެއީ ކޮންމެ ފަހަރަކުވެސް އަޅުގަނޑަށް ބައިވެރިވެވެނީ ސްޓެލްކޯއިން އަންހެނުން ބާރުވެރިކުރުމަށް ކުރާ ކޮންމެވެސް މަސައްކަތެއްގައި" ޖީހާން ވިދާޅުވި އެވެ.
ކޯސް ނިންމި ބައިވެރިންގެ ފަރާތުން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަރިޔަމް ލަޔާލް ވިދާޅުވީ، މި ދާއިރާގައި މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން އެކޯހުގައި ބައިވެރިވީ އެކަމަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން ކަމަށާއި، އެމަސައްކަތުގެ ހުނަރު އިތުރަށް ބިނާ ކުރުމުގެ މަގުސަދުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް