ފިޔާޒް މޫސާ އިސްތިޢުފާ ދެއްވުމުން ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ 4 ނަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުުގެ ޖަލްސާގައި ރައީސް ފޮނުއްވި ސިޓީ މަޖިލީހަށް އިއްވާފައިވަނީ މަޖިލީހުގެ އަމީންއާންމެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބުން ފޮނުއްވާފައިވާ ނަންތަކަކީ، އަލްއުސްތާޛު ޝިހާމް މުޙައްމަދު ވަޙީދު، ދަފްތަރު ނަންބަރު ރސ 5143، އަލްއުސްތާޛު އަޙްމަދު ޢާހިދު ރަޝީދު، ހ.ގުރުވަ، ޢަޒްލީމާ އަޙްމަދު، ދަފްތަރު. ނަންބަރު ރސ 94-341 އަދި މަރްޔަމް ޢަލީމް، ގ.ދާސްތާން އެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) އިން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން މީހެކެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 29 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު: 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި 2014 ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް