މާދަމާއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ "ފަހި ދުވަސް" ކަމަށް ބުނެފިއެވެ.
"ފަހި ދުވަސް"ގެ ހާއްސަ އިވެންޓު ކުރިއަށްދާނީ ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީ/ސެންޓަރުތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދެވޭ ގޮތަށް، އަންގާރަ ދުވަހުގެ ހަވީރު 4:00ން 6:00ށް އަދި ރޭގަނޑު 8:00ން 10:00ށް ކަމަށް ޔުނިވަރސިޓީން ބުންޏެވެ.
މި އިވެންޓުގެ ތެރޭގައި، އޯލެވެލް އަދި އެހެނިހެން ނަތީޖާ ލިބިފައިވާ ދަރިވަރުންނަށް ޔުނިވަރސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ބަލައިގަތުން ވެސް ކުރިއަށްދާނެ ކަމަށާއި ޔުނިވަރސިޓީގެ އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށް ބޭނުންވާ ލިޔުންތައް އެޓެސްޓްކޮށްދިނުމުގެ ޚިދުމަތް ވެސް މި އިވެންޓްގެ ތެރޭގައި ފޯރުކޮށްދެވޭނެ ކަމަށް ވަނީ ބުނެފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ފަންނީ ޤާބިލް ލެކްޗަރާއިންނާއެކު ތަފާތު އެތައް ދާއިރާ އަކުން ތަޢުލީމާއި ތަމްރީން ޕްރޮގްރާމުތަކެއް ހިންގަމުންގެންދާ ޔުނިވަރސިޓީއެކެވެ. ޔުނިވަރސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރާއިން، އެބޭފުޅުންގެ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތުތާއި، މަތީ ތަޢުލީމު ހާސިލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަޢުލޫމާތު، އިވެންޓުގައި ހިއްސާކުރެވިގެންދާނެއެވެ.
މިއީ މަރުކަޒީ ފެންވަރުގައި މިފަދަ ހަރަކާތެއް، ސާނަވީ ތަޢުލީމު ނިންމާލި ދަރިވަރުންނަށް އަމާޒުކޮށްގެން ޤައުމީ ޔުނިވަރސިޓީއިން ހިންގާ ގިނަ ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު ތަރުޙީބެއް ލިބެމުންދާ ހަރަކާތެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2021 ވަނަ އަހަރުގެ އޮގަސްޓް އިންޓޭކްގެ ކިޔެވުން މި މަހުގެ 22 ވަނަ ދުވަހު ފަށާއިރު، ކޯސްތަކުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި މި އޮގަސްޓް މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 02:00ގެ ނިޔަލަށް ހަމަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް