ހިރިލަންދޫގެ ތަރައްގީއަށް ރާވާފައިވާ ކަންކަމާއިގުޅޭގޮތުން ނައިބު ރައީސް އާ މަޝްވަރާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކޮޅުމަޑުލު އަތޮޅު ހިރިލަންދޫ ކައުންސިލަރުންނާއި މިއަދު ބައްދަލުކުރައްވައިފި އެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކު...

16 Aug 2021 | 08:05

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކޮޅުމަޑުލު އަތޮޅު ހިރިލަންދޫ ކައުންސިލަރުންނާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލަރުން ވަނީ ކޮޅުމަޑުލު ހިރިލަންދޫގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ކައުންސިލަރުން ހިރިލަންދޫގައި ކުރިން ކުރިމަތިލާންޖެހިފައިވާ ބޭންކިންގެ ދަތިކަމަށް ޙައްލެއްހޯއްދަވައި ދެއްވުމަށް ދެންނެވުމުން ހަލުވިކަމާއި އެކު ޙައްލެއް ހޯއްދަވައިދެއްވާ، މިދިޔަ ހަފްތާގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ރަށުގައި އޭ.ޓީ.އެމް އެއް ބަހައްޓާދެއްވާފައިވާކަން ފާހަގަކުރައްވާ ނައިބު ރައީސްއަށް ޝުކުރު އަދާކުރައްވާފައި ވެއެވެ. އަދި މިކަމުން ހިރިލަންދޫގެ ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭޙައެއް ލިބޭނެކަން ފާހަގަކުރައްވާ، ހުރިހާ ރައްޔިތުންގެ ފަރާތުން ފަށްފަށުން ޝުކުރު އަދާ ކުރެއްވި އެވެ.

ހިރިލަންދޫގެ ކައުންސިލަރުން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ ރަށުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ އެވެ. މިގޮތުން އެމް.ޓީ.ސީ.ސީގެ ބެލުމުގެދަށުން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ބިން ހިއްކުމުގެ މަޝްރޫއު އަދި ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ތަރައްޤީކުރުމުގެ މަޝްރޫއުގެ އެންމެފަހުގެ މަޢުލޫއްމާތު ހިއްސާކޮށްދެއްވުމަށް ކައުންސިލަރުން އެދިލައްވައިފައި ވެއެވެ. އަދި، ހިރިލަންދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެކި ދަތިތައް ހިއްސާކޮށްފައި ވެއެވެ.

މިގޮތުން، ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަންހުރި ކަންކަމާއި، ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމު ފަހިކޮށްދެއްވުމަށާއި، ސްކޫލުގެ އައު އިމާރާތުގެ މަސައްކަތާއި ރައްޔިތުން އާމްދަނީ އިތުރުކުރުމަށް ބައެއް ކަންކަމުގައި. އޮތް ދަތިތަކާ ގުޅިގެން ކަންބޮޑުވުންތައް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރަށުގެ ތަރައްޤީއަށް ރޭވިފައިވާ ބައެއް މަޝްރޫޢުތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކައުންސިލަރުންނާ ޙިއްޞާކުރެއްވި އެވެ.

މިގޮތުން، ބިން ހިއްކުމުގެ މަސައްކަތް ވީވަރަކުން ހަލުވިކުރުމަށާއި، ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް އަވަސްކޮށްދެއްވަން މަޝްވަރާކުރައްވާނެކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، ފެނަކައިން ބަހައްޓާފައިވާ އައު އިންޖީނާއި، އިރުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓުއުފެއްދުމަށް ހިރިލަންދޫގައި ހިންގަން ނިންމަވާފައިވާ ސޯލާ އައި.ޕީ.ވީ ޕްރޮޖެކްޓްގެ އެންމެ ފަހުގެ މަޢުލޫމާތާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ރަށުގެ ބައެއް މީހުންގެ ފަރުވާއާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާއި ބެހޭގޮތުން ކައުންސިލަރުންނަށް މައުލޫމާތު ހިއްސާކުރައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއި މުއައްސަސާތަކާއި މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް