ކުރީގެ ރަޢީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިވެހިރާއްޖެ ވަޑައިނުގެންނެވިގެން އުޅޭ ސަބަބެއް މަޖިލީހުން ކޮންމެހެން ބަލަން ޖެހޭ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުުރުގެ ފުރަތަމަ ޖަލްސާގައެވެ.
އާދަމް ޝަރީފް ވިދާޅުވީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއަށްފަހު އެމަނިކުފާނު ރާއްޖެއިން ބޭރުގައި ހުންނަވާތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ އާ ދައުރު މިއަދު ފެށުނު އިރުވެސް ރައީސް ނަޝީދު މަޖިލީހުގައި ނެތުމަކީ އެކަމުގެ ފަޅުކަން ވަރަށް ބޮޑަށް އިހުސާސް ކުރެވޭ ކަމެއް ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ރާއްޖެ ވަޑައިނުގެންނެވޭ ސަބަބެއް މަޖިލީހަށް ހުށަހަޅައިގެން ނަމަވެސް ހޯދުމަކީ މިވަގުތު ކުރަން އެންމެ މުހިންމު މަސައްކަތް ކަމަށެވެ.
މަޖިލީހުގެ ހުރިހާ މެމްބަރުންނާއި މަސައްކަތްތަކާއި ހަވާލުވެވަޑައިގެން ހުންނެވި އެންމެ އިސް ފަރާތަކީ ރައީސް ނަޝީދު ކަަމަށްވާއިރު މަޖިލީހުގައި އެމަނިކުފާނު ވަޑައިގެންނެތުމުން މަސައްކަތްތައް ވެސް ހުރަސް އެޅޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް ނަޝީދު މަޖިލީހުގެ މަސައްކަތްތަކުގައި މިވަގުތު ނޫޅުއްވި ނަމަވެސް އެމަނިކުފާނާ މެދު ހިތްހަލާސް ކަމަށެވެ.
މަޖިލީހުގެ ރައީސް މިވަގުތު ނެތުމުން އެކަމުގެ އުނިކަން މަޖިލީހުގެ ތެރެއިން ވަރަށް ބޮޑަށް ފެންނަމުންދާ ކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ އެ އުނިކަމަކީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ގާބިލުކަން ނެތިގެން ދިމާވާ އުނިކަމެއް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް