ދައުލަތުގެ ޓްރެޜަރީ ބިލާއި ބޮންޑު ވިއްކުމުގެ އިދާރީ މަސައްކަތް ފިނޭންސް މިނިސްޓްރީއަށް ބަދަލުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ބައިނަލްއަޤުވާމީ ހަމަތަކާއި، ވަރލްޑް ބޭންކު އަދި އައި.އެމް.އެފް ފަދަ މާލީ އިދާރާތަކުގެ ލަފާގެ މަތިން ދަރަނި ބެލެހެއްޓުމުގެ އިދާރީ އޮނިގަނޑު ހަރުދަނާ ކުރުމުގެ ގޮތުން ދަރަނި ނެމުގެ އެންމެހާ އިދާރީ ކަންކަން އެއްފުރާޅެއްގެ ދަށަށް ގެނައުމުގެ މަސައްކަތުގެ ތެރެއިން ކަމަށެވެ.
ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ފައިސާ ޗާޕްކުރުމުގެ ބަދަލުގައި، ރަށްވެހިބާޒާރު ތަރައްޤީކުރުމަށާއި، ދަރަނީގެ ޕޯޓްފޯލިއޯ ސިންދަފާތުކުރުމަށް، ޓްރެޜަރީ ބިލާއި ބޮންޑް ފުރަތަމަ ތަޢާރަފް ކުރެވުނީ 10 ސެޕްޓެމްބަރ 2006 ގަ އެވެ.
މިކަން ކުރުމަށް ފިނޭންސް މިނިސްޓްރީގައި އެކަށީގެންވާ ވަސީލަތާއި ފަންނު ނެތުމުން، ރާއްޖޭގެ މަރުކަޒީ ބޭންކުގެ ފުރިހަމަ އެއްބާރުލުމާއިއެކު އެޖެންސީ އެޤްރީމަންޓެއްގެ ދަށުން ދައުލަތުގެ ޓްރެޜަރީ ބިލާއި ބޮންޑް ރަށްވެހިބާޒާރަށް މިހާތަނަށް ވިއްކައިދީފައިވަނީ އެ މިނިސްޓްރީގެ ފިސްކަލް އޭޖެންޓެއްގެ ހައިސިއްޔަތުން މަރުކަޒީ ބޭންކުން ނެވެ.
މަރުކަޒީ ބޭންކުން ދައުލަތުގެ ސެކިޔުރިޓީސް ވިއްކުމުގެ އިދާރީ މަސައްކަތް ކުރިން ކުރި ނަމަވެސް، މި ސެކިޔުރިޓީސް އާއި ގުޅުންހުރި ދަރަންޏާއި، ދައުލަތުގެ ޖުމްލަ ދަރަނި ރިކޯޑްކޮށް ބެލެހެއްޓަމުގެ އެންމެހާ މަސައްކަތް އަބަދުވެސް ކުރަމުން ދަނީ ފިނޭންސް މިނިސްޓްރީން ނެވެ.
ދައުލަތުގެ ދަރަނި ބަލަހައްޓާ ނިޒާމު ހަރުދަނާ ކުރުމަށް އެ މިނިސްޓްރީއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ރަށްވެހިބާޒާރަށް ޓްރެޜަރީ ބިލާއި ބޮންޑު ވިއްކުމުގެ ވަސީލަތްތަކާއި، ފަންނު މަރުކަޒީ ބޭންކާއި، ބައިނަލްއަޤުވާމީ އިދާރާތަކުގެ އެހީތެރިކަމާއެކު މިމިނިސްޓްރީގައި ބިނާކުރެވި، މަރުކަޒީ ބޭންކާއި ހަވާލުކޮށްގެން ކުރަމުން ދިޔަ އިދާރީ މަސައްކަތް މިހާރު މިވަނީ މި މިނިސްޓްރީއަށް ބަދަލުކުރެވިފަ އެވެ.
ޓްރެޜަރީ ބިލާއި ބޮންޑު ވިއްކުމުގެ އަމަލީ މަސައްކަތްތަކަށް ގެނެވުނު ހެޔޮ ބަދަލާއި އެކު، މިނިސްޓްރީ އާއި ދައުލަތުގެ ޓްރެޜަރީ ބިލާއި ބޮންޑު ފަދަ ތަކެތި ގަންނަ ފަރާތްތަކާއި އެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށް ރަށްވެހިބާޒާރު ފުޅާކޮށް ތަރައްޤީ ކުރުމަށް ފަސޭހަވެގެން ދާނެ އެވެ. އަދި މިގެނެވުނު ބަދަލާއެކު މަރުކަޒީ ބޭންކުގެ މަނިޓަރީ ޕޮލިސީ ތަންފީޒްކުރުމުގައި މަރުކަޒީ ބޭންކަށާއި، އަދި ދައުލަތުގެ މާލީ ސިޔާސަތު ތަންފީޒުކުރުމަށް ފަސޭހަވެގެންދާނެ އެވެ.
ދައުލަތުގެ ޓްރެޜަރީ ބިލާއި ބޮންޑު ވިއްކުމުގެ އިދާރީ މަސައްކަތް މި މިނިސްޓްރީއަށް ބަދަލުކުރެވުނު ނަމަވެސް، މިފަދަ ކަންކަމުގައި މަރުކަޒީ ބޭންކާއި އެ މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރާނީ އެއްމިސްރާބަކަށް ދިއުމަށް، އެކީގަ އެވެ.
އެގޮތުން ރަށްވެހިބާޒާރަށް ވިއްކާ މިފަދަ ދައުލަތުގެ ސެކިއުރިޓީތަކުގެ ރެގިއުލޭޓަރ އަކީ ކުރިއެކޭވެސް އެއްގޮތަށް މަރުކަޒީ ބޭންކެވެ. އަދި ސަރުކާރުގެ ބޭންކަރގެ ހައިސިއްޔަތުން މިސެކިއުރިޓީތަކުގެ ސެޓްލްމަންޓްވެސް ހިންގާނީ މަރުކަޒީ ބޭންކުންނެވެ.
މީގެ އިތުރުން މާލީ ރަށްވެހިބާޒާރު އިތުރަށް ހަރުދަނާ ކުރުމަށް މަރުކަޒީ ބޭންކާއެކު ގިނަ މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރަމުން ނެވެ. އޭގެ ތެރޭގައި ރަށްވެހިބާޒާރަށް އައު ޓްރެޜަރީ ސެކިއުރިޓީތައް ތައާރަފް ކުރުމާއި، ސެކިއުރިޓީ ވިއްކުމުގެ ކަންކަން ހަރުދަނާ ކުރުމަށް އިންފްރާސްޓަރަކްޗަރ ބިނާ ކުރުމާއި ޤާނޫނީ އޮނިގަނޑު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް