އީވާ ހަމަލާ ދޭން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ އިތުރު ބައެއް މެންބަރުންތަކަކަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ ތުހުމަތު ކުރެވިފައި އެބަ އޮތް ކަމަށް މަޖިލީހުގެ ހުޅުދޫ ދާއި...

16 Aug 2021 | 06:43

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ އިތުރު ބައެއް މެންބަރުންތަކަކަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ ތުހުމަތު ކުރެވިފައި އެބަ އޮތް ކަމަށް މަޖިލީހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވި ސަބަބެއް ސާފެއް ނުވެއެވެ. އޭނާ މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

އިޔްލާސް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އީވާއާއި ބައެއް އެހެން މެންބަރުންނަށް ވެސް ހަމަލާއެއް ދޭން އުޅޭ ކަމުގެ އަޑުތައް އިވެމުންދާ ކަމަށެވެ.

މަޖިލީހުގެ ބައެއް މެންބަރުން ފާރަލައި، އެ މެންބަރުން އުޅުއްވާ ތަންތަން ބަލައި ހަމަލާއެއް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވެމުންދާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"މަޖިލީހުގެ ނައިބު ރައީސް، މަޖިލީހުގެ އެތައް މެންބަރަކަށް ފާރަލަމުންދާ ކަމަށް، އެ މެންބަރުންނަށް ހަމަލާ ދޭން އުޅޭ ކަމަށް އެބަ ތުހުމަތު ކުރެވޭ، އެ މެންބަރުންނަށް އަދިވެސް އިތުރު ނުރައްކާ އެބަ ހުރި،" އިލްޔާސް ވިދާޅުވިއެވެ.

އިޔްލާސް ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރު އިންތިހާއަށް ފެތުރި، މީސް މީޑިއާގައި ކާކު ކަން ވެސް އެނގޭ ގޮތަށް ބައެއް މީހުން "ކާފަރު ކުރަމުންދާ" ކަމަށެވެ. އަދި ވަކި ބަޔަކު މަރާލަން ޖެހޭ ކަމަށް ބުނެ ބައެއް މީހުން މީސްމީޑިއާގައި ޕޯސްޓް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކަންކަން ހުއްޓުވައި އަމާން މާހައުލެއް ދިވެހި ރައްޔިތުންނާއި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ކަށަވަރު ކޮށްދޭން ޖެހޭ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

ނަޝީދުއާއި އީވާއަށް ފާރަލާން މަޖިލީހުގެ ރައީސްގެ ކޮޓަރިކޮޅުގައާއި މަޖިލީހުގެ ނައިބު ރައީސްގެ ކޮޓަރިކޮޅުގައި ދެކެވޭ ވާހަކަތައް އަޑުއިވޭ ގޮތަށް ބަގް ކުރި ކަމުގެ ތުހުމަތު ވެސް މީގެ ކުރިން ކޮށްފައި އޮތެވެ. އެކަމަކު އެ ކަމަށް ހެކި ނެތުމުން އެ މައްސަލަ ފުލުހުން ފަހުން ތަހުގީގެއް ނުކުރިއެވެ.

މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ނިރުބަވެރި ހަމަލާއެއް ދިނުމުގެ ކުރިން ނަޝީދަށް ނުރައްކާ އޮތް ކަމުގެ މައުލޫމާތު އިލްޔާސް އަށް ލިބިވަޑައިގެން ޑިފެންސް މިނިސްޓްރީއަށް އެންގެވިއެވެ.

އިލްޔާސް ފޯނުން ގުޅުއްވައި އެ މައުލޫމާތު ޚިއްސާ ކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް