ޗުއްޓީ އިތުރުކޮށްދޭން ރައީސް ނަޝީދު މަޖިލީހުގައި އެދިވަޑައިގެންފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނިރުބަވެރި ހަމަލާ ރޭވި މީހުން ނުހޯދޭތީ އެނބުރި ދިވެހިރާއްޖެ ވަޑައިނުގަންނަވަން އާއިލާއިން ވެސް އ...

16 Aug 2021 | 05:01

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނިރުބަވެރި ހަމަލާ ރޭވި މީހުން ނުހޯދޭތީ އެނބުރި ދިވެހިރާއްޖެ ވަޑައިނުގަންނަވަން އާއިލާއިން ވެސް އެދެމުންދާތީ އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ހެނދުނު ރިޔާސަތުން ފެށީ ރައީސް ނަޝީދު މަޖިލީހުގެ އިދާރާއަށް ފޮނުއްވާފައިވާ ސިޓީއެއް ވިދާޅުވަމުންވެ. އެ ސިޓީ މަޖިލީހުގެ މެންބަރުން އިއްވަވައިދެއްވީ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއެވެ.

ނަޝީދުގެ ސިޓީގައި ފުރަތަމަ ވެސް ވިދާޅުވެފައިވަނީ "މި ސިޓީއަކީ ދައުލަތުގެ އިދާރާއަށް ނުރުހިގެން އަޅުގަނޑު ފޮނުވާފައިވާ ސިޓީއެއް ނޫން. މިއީ ހާލަތު އޮތް ގޮތުން ފޮނުވާފައިވާ ސިޓީއެއް." ކަމަށެވެ.

ނަޝީދު ވިދާޅުވީ، ހަމަލާގެ ތަހުގީގު ނިމި އެ ކަން ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރި މައްޗަށް ގެނެސް ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަން އާއިލާއާއި ހެޔޮ އެދޭ ފަރާތްތަކުންނާއި އެމަނިކުފާނަށް ވެސް ފެނިވަޑައިނުގަންނަވާތީ ޗުއްޓީ އިތުރުކޮށްދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ރާއްޖޭން ބޭރުގައި ހުންނައިރު، މަޖިލީހުގެ މެންބަރުންގެ އިރުޝާދުގެ ދަށުން ނައިބު ރައީސް ހިންގަވާނެ ކަމަށް އަޅުގަނޑުގެ ޝައްކު ނުކުރަން." ނަޝީދު ލިޔުއްވާފައިވެއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭން ބޭރުގައި ހުންނެވި ނަމަވެސް މަޖިލީހުގެ މަސައްކަތްތަކުގައްޔާއި ގައުމަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ. މި ގޮތުން އިންޓަ ޕާލިމެންޓްރީ ޔުނިއަންއާއި ކޮމަވެލްޓް ޕާލިމަންޓަރީ ޔުނިއަންއާއެކު މަސައްކަތްތަކެއް ކުރެވެމުންދާ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަޝީދު މި ވަގުތު ހުންނެވީ އިތުރު ފަރުވާ ހޯއްދެވުވަށް އިނގިރޭސިވިލާތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް