އަފްގާނިސްތާނުގައި ހުޅަނގުގެ މަދަދާއި އެކު 20 އަހަރު ވަންދެން ކުރި ވެރިކަން ވެއްޓިއްޖެ އެވެ.
އެ ގައުމުގެ ވެރިރަށް ކާބުލްއަށް ވަދެވޭ ހުރިހާ ސަރަހައްދެއް ތޯލިބާނުންގެ ބާރުގެ ދަށަށް ގެންގޮސް މިހާރު ވަނީ ކާބުލްއަށް އަރައި ސަރުކާރުގެ ހުރިހާ އިމަރާތެއް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. ތާލިބާނުން ވަނީ އެ ގައުމުގެ ރިޔާސީ ގަނޑުވަރަށް ވަދެ ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފަ އެވެ.
އޭގެ ކުރިން ރައީސް އަޝްރަފް ގަނީ ވަނީ ގައުމުދޫކޮށް ފިއްލަވާފަ އެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެމެރިކާގެ ހެލިކޮޕްޓަރެއްގައި އަޝްރަފް ވަޑައިގެންނެވީ ކަޒަކިސްތާނަށެވެ. އިތުރު ރިޕޯޓުތަކެއްގައި ބުނެފައިވާ ގޮތުގައި އޭނާ ވަޑައިގެންނެވީ އުޒުބެކިސްތާނުގެ ވެރިރަށް ޓަޝްކެންޓަށެވެ.
ގައުމު ދޫކުރައްވާ ވަޑައިގެންނެވުމަށް ފަހު ފޭސްބުކްގައި އާންމު ކުރެއްވި ޕޯސްޓެއްގައި އަޝްރަފް ވިދާޅުވީ ގައުމު ދޫކުރައްވައި ވަޑައިގަތީ، މަގާމުގެ ދިފާއުގައި އިތުރަށް ހަނގުރާމަކުރަން ގަސްދު ކޮށްފިއްޔާ، ބޮޑު ލޭއޮހޮރުވުމެއް ހިނގައިފާނެތީ އެވެ. އޭނާ ވިދާޅުވި ގޮތުގައި ގައުމު ދޫކުރައްވައި ވަޑައިގަންނަވަން ޖެހިވަޑައިގަތީ، ތާލިބާނުންގެ ފިއްތުންތަކުގެ ކުރިމަތީގައި އިތުރު ގޮތެއް ނެތުމުންނެވެ.
އަޝްރަފް ވިދާޅުވީ ތާލިބާނުން ކާބުލް ވަށައިލީ، ކޮންމެ ގޮތަކުން ވިޔަސް އޭނާ މަގާމުން ދުރުކޮށް ސަރުކާރު ވައްޓައިލުމަށް ފަހު އަފްގާނިސްތާނުގައި ވެރިކަން ކުރުމަށެވެ.
ތޯލިބާނުން ބުނެފައިވާ ގޮތުގައި ކާބުލްގެ ތެރެއަށް އެމީހުން އެރީ ސަރުކާރު ސިފައިން ޒިންމާތައް ދޫކޮށް މަގުތަކުން ދިއުމުން ސިޓީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. އަދި އަޝްރަފް ވެރިކަން ދޫކޮށްލައްވާ ފިއްލެވުމުން ތޯލިބާނުންގެ ވެރިއަކު ވަރަށް އަވަހަށް ގައުމާއި ހަވާލުވެ އަފްގާން ހިންގަން ފަށާނެ ކަމަށެވެ.
ތާލިބާނުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ގައުމުގައި ތިބި ބޭރުގެ ޑިޕްލޮމޭޓުންނަށް އެއްވެސް ބިރެއް ނެތް ކަމަށާއި، އެމީހުންގެ މަސައްކަތާއިގެން ކުރިއަށް ދެވޭނެ ކަމަށެވެ. އަދި ތާލިބާނުން ވެރިކަމާ ހަވާލުވާނީ ކުރިން ވެރިކަން ކުރި އިރު ހެދި ފަދަ ގޯސްތަކެއް ތަކުރާރު ކުރަން ނޫން ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.
ތާލިބާނުން ބުނި ގޮތުގައި އެޖަމާއަތުގެ މަގްސަދަކީ ބައިނަލްއަގުވާމީ މުޖްތަމައާ އެކު ރަނގަޅު ގުޅުމެއް ބޭއްވުމެވެ. އަދި އެ ގައުމުގައި އުފައްދާނީ ހަމައެކަނި ތާލިބާނުން ބައިވެރިވާ ސަރުކާރެއް ނޫން ކަމަށް ވެސް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް