ނޭޕާލް ރިލީފް ފަންޑަށް ލިބުނު 2.5 މިލިޔަން ރުފިޔާ ނޭޕާލް ރެޑް ކްރޮސް އާ ހަވާލުކޮށްފި

މިއަހަރުގެ އޭޕްރިލް 26 ން ޖޫން 14ގެ ނިޔަލަށް ދިވެހި ރެޑް ކްރެސެންޓާއި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ގުޅިގެން ކުރިޔަށް ގެންދިޔަ ނޭޕާލް ރިލީފް ފަންޑަށް ލިބުނު ޖުމްލަ 2.5 މިލިއަން ރުފިޔާ ނޭޕާލް ރެޑް ކ...

16 Aug 2015 | 11:06

މިއަހަރުގެ އޭޕްރިލް 26 ން ޖޫން 14ގެ ނިޔަލަށް ދިވެހި ރެޑް ކްރެސެންޓާއި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ގުޅިގެން ކުރިޔަށް ގެންދިޔަ ނޭޕާލް ރިލީފް ފަންޑަށް ލިބުނު ޖުމްލަ 2.5 މިލިއަން ރުފިޔާ ނޭޕާލް ރެޑް ކްރޮސްއަށް ހަވާލުކޮށްފިއެވެ.

ދިވެހި ރެޑް ކްރެސެންޓުން ބުނީ ނޭޕާލް ރެޑްކްރޮސްއަށް މިފައިސާ ފޮނުވުމު ގެ މަސައްކަތް ދެފަހަރެއްގެ މައްޗަށް ބަހާލެވިގެން ކުރިޔަށް ގެންގޮސް ފައިސާ ޖަމާކޮށްނިންމާލެވުނީ މިއޮގަސްޓް މަހުގެ 11 ވަނަ ދުވަހު ކަމަށެވެ.

"މިފައިސާއާއި ހަވާލުވިކަން ޔަޤީން ކޮށްދެއްވާ ނޭޕާލް ރެޑް ކްރޮސްގެ ސެކްރެޓަރީ ޖެނެރަލް ދޭވް ރަޓްނަ ދަޚްވާ ފޮނުއްވި މެސެޖްގައި މިފައިސާ ފޮނުއްވިކަމަށްޓަކައި ދިވެހި ރެޑް ކްރެސެންޓަށް އަދިޚާއްސަކޮށް ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވި، އަދި ދިވެހި ރެޑް ކްރެސެންޓުން އެދިފައިވާ ފަ ދައިންމިފައިސާ ބޭނުންކުރާނީ ބިންހެލުމުގައި ބޯހިޔާވަހިކަން ގެއްލުނު މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމުގައިވެސް މިމެސެޖުގައިފާހަގަކޮށް ފައިވޭ، އަދި ކުރިޔަށް އޮތްތަނުގައިވެސް ނާޒުކު އަދި ނިކަމެތި ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގައި ދިވެހި ރެޑް ކްރެސެންޓުން މަސައްކަތްކުރާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައިވޭ" ދިވެހި ރެޑް ކްރެސެންޓުން ބުނެ އެވެ.

ރެޑް ކްރެސެންޓުން ބުނީ ނޭޕާލަށް އެހީވުމަށް ހިންގުނު ފަންޑަށް ފައިސާ ހޯދުމުގެ ހަރަކާތްތައް ދިވެހި ރެޑް ކްރެސެންޓުގެ ގޮފިތައް ހިމެނޭ ހުރިހާ ސަރަހައްދެއްގައިވެސް ހިންގާފައިވާއިރު  ރެޑް ކްރެސެންޓްގެ ހަ ގޮތްޕަކުން 1.5 ލައްކަ ރުފިޔާ ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން

ބޭންކް އޮފް މޯލްޑިވްސް އަދި އިސްލާމިކް ބޭންކް ގައި ހުޅުވާފައިވާ ރެޑް ކްރެސެންޓްގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްގެން 2.6 ލައްކަ ރުފިޔާ ލިބިފައިވާއިރު، އެސްއެމްއެސްގެ ޒަރީޢާއިން 66 ހާސް ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި ފަންޑުފޮށިތަކުން 2.4 ލައްކަ ރުފިޔާ ފަންޑަށް ޖަމާވެފައިވާއިރު ނަންހާމަކުރަން ނޭދޭ ފަރާތްތަކުން 1.8 ލައްކަ ރުފިޔާ ފަންޑަށް ހަދިޔާ ކޮށްފައިވާކަމަށްވެސް ރެޑް ކްރެސެންޓުން ބުނެ އެވެ.

ލިބުނު އެހީގެ ތަފްސީލް ހާމަކޮށް ރެޑް ކްރެސެންޓުން އިތުރަށް ބުނެފައިވަނީ ނޭޕާލް ރިލީފް ފަންޑަށް އެހީވުމަށްޓަކައި ދިވެހި ރާއްޖޭގެ ހުރި ހާ މީޑިޔާތަކެއް ގުޅިގެން ހިންގި ހަގަޑިއިރުގެ ޓެލެތޯން ނިމުނު އިރު ފަންޑަށް 1.8 މިލިއަން ރުފިޔާ ލިބުނު ކަމަށެވެ. އަދި ޓެލެތޯންގެ ވަގުތުގައި ކުރިޔަށްދިޔަ ކުރީގެ ފުޓުބޯޅަ ކުޅުންތެރިންނާއި މަޖިލިސް މެމްބަރުންގެ ފުޓްބޯޅަ މެޗުން ޖުމްލަ ދެ ލައްކަ ރުފިޔާއަށްވުރެ ގިނައިން ލިބިފައިވާއިރު އަމިއްލަ ކުންފުނިތަކުންނާއި ޖަމިއްޔާތަކުން މިފަންޑަށް ހަތް ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި  ސަރުކާރުގެ އިދާރާތަކުންނާއި މުވައްޒަފުންގެ ފަރާތުން 5 ލައްކަ ރުފިޔާއަށްވުރެ ގިނައިން މިފަންޑަށް ފައިސާ ހަދިޔާކޮށްފައިވެއާ ކަމަށެވެ.  މީގެއިތުރުން މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ޑޮކްޓަރުން މިފަންޑަށް އެއް ލައްކަރުފިޔާއަށް ވުރެގިނައިން ފައިސާ ހަދިޔާކޮށްފައި ވާކަމަށްވެސް ރެޑް ކްރެސެންޓުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް