ގެއްލިގެން ހޯދަމުން އަންނަތާ އަހަރެއްވެފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް ވީގޮތް އެނގެން ފުލުހުން އެދޭ މިންވަރަށް އެހެން އެއްވެސް ބަޔަކު ނޭދޭނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙިދު ވިދާޅުވެއްޖެއެވެ.
އަޙްމަދު ރިޟްވާން ޢަބްދުﷲ ވީނުވީތަނެއް ނޭނގިގެން 2014 ވަނައަހަރުގެ އޮގަސްޓް 13 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައިގެ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވަޑައިގަތް އިސް ޓީމަކާ ބައްދަލު ކުރުމަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި އޮތް ބައްދަލު ކުރުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ އަޙްމަދު ރިޟްވާން ޢަބްދުﷲ ހޯދުމަށާއި އޭނާ ގެއްލިފައިވާ މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދަނީ އިޚްލާޞްތެރި މަސައްކަތްތަކެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން އެކަން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާކަމީ ހިތާމަ ކުރައްވާ ކަމެއް ކަމުގައިވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. ހަމައެހެންމެ ބައެއް މީޑިއާތަކުން ރައްޔިތުންނަށް މުހިއްމު ޚަބަރެއް ގެނެސްދިނުމުގެގޮތުން މިމައްސަލައިގެ ވާހަކަތައް އެކި ގޮތްގޮތަށް ގެނެސްދެމުން ދިޔަނަމަވެސް ފުލުހުންގެ ތަޙުޤީޤު އަދި އޭނާ ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް ކުޑަނަމަވެސް ހުއްޓުމެއް ނުގެންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މީޑިއާ ކައުންސިލަށް ކޮމިޝަނަރ އޮފް ޕޮލިސް ދެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އަޙްމަދު ރިޟްވާން ޢަބްދުﷲ ހޯދުމަށާއި އޭނާއަށް ވީގޮތް ބެލުމަށް ފުލުހުން ކުރަމުންދާ ތަޙުޤީޤުގައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންކަމަށެވެ. މިގޮތުން ކުރިން ލިބިފައިހުރި މަޢުލޫމާތުތައް އަލުން ރިވިއުކޮށް، ލިބިފައިވާ ވީޑިއޯ ފުޓޭޖްތައް އިތުރަށް ދިރާސާކޮށް، އެއްވެސްކަހަލަ މަޢުލޫމާތެއް މިކަމާ ގުޅިގެން ލިބިފައިވާނަމަ އެ މަޢުލޫމާތަކާ ގުޅިގެން ބަލަންޖެހޭ އެހެނިހެން ކަންކަން މިހާރުވެސް ބަލަމުން ދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޙަސަން ޙަބީބު ވިދާޅުވީ އަޙްމަދު ރިޟްވާން ޢަބްދުﷲ ހޯދުމަށް ކުރަމުންދާ މަސައްކަތާއި އޭނާ ގެއްލުނު މައްސަލައިގެ ތަޙުޤީޤަކީ މިހާތަނަށް ފުލުހުން ހިންގި އެންމެ ޚަރަދު ބޮޑު އަދި ފުލުހުންގެ ގިނަ ގުނަ ވަޞީލަތަތްކެއް ބޭނުން ކުރެވުނު މައްސަލައެއް ކަމަށެވެ. އަދި މި މައްސަލައިގެ ތަޙުޤީޤަށްޓަކައި ކޮށްފައިވާ މަސައްކަތްތައް ރައްޔިތުންނަށް ހާމަކޮށްދެމުން ގޮސްފައިވާނެކަމަށާއި ތަޙުޤީޤަށްޓަކައި ހާމަކުރެވެން ނެތް މަދު މަޢުލޫމާތެއް ފިޔަވައި ފުލުހުންނަށް މިކަމާ ގުޅިގެން ލިބިފައިވާ މަޢުލޫމާތު ރިޟްވާނުގެ ޢާއިލާ އަށާއި ޢާއްމު ރައްޔިތުންނާ ޙިއްސާކުރަމުންދާ ކަމުގައިވެސް ޙަސަން ޙަބީބު ވިދާޅުވިއެވެ.
މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަތީޙު މިބައްދަލުވުމުގައި ވިދާޅުވި ގޮތުގައި އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުމާއި އޭނާ ހޯދުމަށް ކުރެވޭ މަސައްކަތާއި މިކަމުގެ ތަޙުޤީޤުގެ މަޢުލޫމާތު އޭނާގެ ޢާއިލާއަށް ޙިއްސާ ކުރަމުން ގެންދެވިފައި ވެއެވެ. އަދި މިހާތަނަށްވެސް އޭނާގެ ޢާއިލާ އާއެކު ފުލުހުން ވަރަށް ގާތުން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އަޙްމަދު ރިޟްވާން ޢަބްދުﷲ އަށްވީގޮތާ ގުޅޭގޮތުން އިތުބާރު ހުރި ގޮތެއްގައި ލިބޭ ކޮންމެ މަޢުލޫމާތަކާ ގުޅިގެން ފުލުހުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށްވެސް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ޝަތީހު ވިދާޅުވިއެވެ. ހަމަ އެއާއެކު މިހާތަނަށް އަޙްމަދު ރިޟްވާން ޢަބްދުﷲ ދުނިޔޭގައި ނެތްކަމުގެ އެއްވެސް މައުލޫމާތެއް އިތުބާރު ހުރި ގޮތެއްގައި ފުލުހުންނަށް ލިބިފައި ނުވާކަންވެސް ޢަބްދުﷲ ޝަތީޙް ފާހަގަ ކުރެއްވިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގެ އެދުމަކަށް ބޭއްވި މިބައްދަލުވުމުގައި މީޑިއާ ކައުންސިލުން ވަނީ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުމާއި އޭނާއަށް ވީނުވީއެއް އެނގިފައިނުވާ މައްސަލާގައި އެކައުންސިލަށް ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެން ފުލުހުންގެ ފަރާތުން ހޯދަން ބޭނުންވާ މަޢުލޫމާތުތައް އޮޅުން ފިލުއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް