އެއްވެސް ހުރަހެއްނެތި ރާއްޖެއަށް ހަތިޔާރު އެތެރެކުރެވޭނެއެކޭ ނުބުނަން، ޚަބަރު ފަތުރަނީ މަފްޙޫމް އޮޅޭގޮތަށް: ކަސްޓަމްސް

އެއްވެސް ހުރަހެއްނެތި ރާއްޖެއަށް ހަތިޔާރު އެތެރެކުރެވޭނެއެކޭ ނުބުނާކަމަށާއި ޚަބަރު ފަތުރަމުންދަނީ ބުނި އެއްޗެއްގެ މަފްޙޫމް އޮޅޭގޮތަށް ކަމުގައި ކަސްޓަމްސްއިން ބުނެފިއެވެ. ކަސްޓަމްސްއިން މިހެން ބުނެފައި...

16 Jul 2024 | 13:03

އެއްވެސް ހުރަހެއްނެތި ރާއްޖެއަށް ހަތިޔާރު އެތެރެކުރެވޭނެއެކޭ ނުބުނާކަމަށާއި ޚަބަރު ފަތުރަމުންދަނީ ބުނި އެއްޗެއްގެ މަފްޙޫމް އޮޅޭގޮތަށް ކަމުގައި ކަސްޓަމްސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން މިހެން ބުނެފައިވަނީ ރާއްޖެއަށް ހަތިޔާރު ގެނެވޭ މަގު ހުޅުވާލެވިފައިވާކަމަށް ކަސްޓަމްސްއިން ބުނި ކަމަށް ދައުރުވަމުންދާ ޚަބަރާ ގުޅޭގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

ކަސްޓަމްސްގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ ޚަބަރުތަކުގައި ތަސައްވަރު ކުރެވިފައިވާ "ހަތިޔާރު" ނުވަތަ "ހަނގުރާމަވެރި ހަތިޔާރު" އެއްވެސް ހުރަހެއްނެތި ރާއްޖެއަށް ގެނައުމަށް ހުޅުވާލެވިފައިވާކަމަށް ކަސްޓަމްސްއިން ބުނިކަމަށް ދޭހަވާގޮތަށް ޚަބަރުތަކުގައި ލިޔެވިފައިވަނީ މަފްޙޫމު އޮޅޭގޮތަށް، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް ކަމުގައި ކަސްޓަމްސްއިން ދެކޭތީ، އެކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކުރަން ބޭނުންވާކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ އެދިވަޑައިގަތުމަށް، ކަސްޓަމްސްއިން ވަނީ މިއަދު އެ ކޮމެޓީއަށް ހާޒިރުވެ، ކޮމެޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދީފައިވާނެކަމަށާއި މައިގަނޑު ގޮތެއްގައި ސުވާލުތައް އަމާޒުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި، ސިއްރުން ނުވަތަ ގާނޫނާ ޚިލާފަށް ރާއްޖެއަށް ތަކެތި އެތެރެކުރުން ހުއްޓުވުމުގައި ކަސްޓަމްސް އަށް ހުރި ގޮންޖެހުންތަކަށްކަމުގައި ކަސްޓަމްސް އިން ބުނެފައިވެއެވެ.

"މި ބައްދަލުވުމުގައި ރާއްޖޭގެ ބައިނަލްއަޤްވާމީ ބަނދަރުތައް ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތަކާއި، ރާއްޖޭގެ ސަރަހައްދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ކަސްޓަމްސް އަށް ހުރި ގޮންޖެހުންތައް ފާހަގަކޮށްފައިވާނެ، އެގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކުން، ބަނދަރަށް އައުމުގެ ކުރިން ކަނޑުމަތިން އެތަކެތި ލޯކަލް އުޅަނދުފަހަރުގައި ބާލައިގެން ފަޅު ރަށްރަށަށް ގެންގޮސް އެތެރެކުރާކަމުގެ މުޢުތަބަރު މަޢުލޫމާތު ކަސްޓަމްސް އާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބޭ ކަމާއި، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް މީގެ ކުރިން ދިވެހި ފުލުހުންގެ ޚިދުމަތުން އެ މަޢުލޫމާތު ހިއްސާކޮށްފައިވާކަން ފާހަގަކޮށް، އެ މަގުން ތަކެތި އެތެރެކުރެވޭނަމަ، ހަމައެކަނި މަސްތުވާތަކެތި އެތެރެކުރާނެ ކަމަށް ވިސްނައިގެން ނުވާނެ ކަމާއި، ޤާނޫނާއި ގަވާއިދާ ޚިލާފު އެހެނިހެން ތަކެތިވެސް އެތެރެކުރުމުގެ ފުރުސަތު އޮންނާނެތީ އެކަން ހުއްޓުވުމަށްޓަކައި، ސަރަހައްދީ ޤައުމުތަކުގެ މެދުގައި މަޢުލޫމާތު ހިއްސާކުރުމާއި، ސަރވައިލަންސް އާއި މޮނިޓަރިންގ އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރަމުންދާކަން ވާނީ ފާހަގަކޮށްފައި" ކަސްޓަމްސްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ރާއްޖޭގެ ސަރަހައްދު ކަނޑާއި ވައިގެމަގުން 24 ގަޑިއިރު ބަލަހައްޓަމުންދާއިރު، ކަސްޓަމްސްއިން ބަލަންޖެހޭ ކަންކަންވެސް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި ގުޅިގެން ބަލަހައްޓަމުންދާކަން ފާހަގަކުރާކަމަށާއި މިގޮތުން ދުރާލައި އުޅަނދުފަހަރު އައުމުގެ ކުރިން އެއާބެހޭ މަޢުލޫމާތު ހޯދައި ރިސްކުތައް ދެނެގަނެ، ރިސްކު އޮންނަ ޙާލަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާ ގުޅިގެން ހާއްސަ އޮޕަރޭޝަންތައް ހިންގާކަމަށެވެ. މިކަންކަން ހަރުދަނާކުރުމަށްޓަކައި މި މުއައްސަސާތަކުގެ މެދުގައި މަޝްވަރާކޮށް، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހާއްސަ ތަމްރީނުތައް ދެވެމުންދާކަމަށާއި އަދި ރީޖަނަލް ޤައުމުތަކުގެ މެދުގައި މަޢުލޫމާތު ޙިއްސާކުރުމާއި، ސަވައިލަންސް އާއި މޮނިޓަރިންގ އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރުމަށް މަސައްކަތްކުރަމުންއަންނަކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ކަސްޓަމްސްއިން އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކަސްޓަމްސް އިން ތަންފީޒުކުރަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަޤީންކަން އެންމެހައި ލޮބުވެތި ރައްޔިތުންނަށް މި ފުރުސަތުގައިވެސް އަރުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް