ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ކަނޑައެޅިފައިވާ މުއްދަތަށް ފަހުގައި ރަޖިސްޓްރީ ކުރާނަމަ ޖޫރިމަނާ ކުރެވޭނެކަމުގައި ފެމިލީ ކޯޓުން ބުނެފިއެވެ.
އެގޮތުން އެ ކޯޓުން މިއަދު ބުނެފައިވަނީ ޢާއިލާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގައިވާގޮތުން، ކައިވެނިކުރި ޤައުމުގައި ދިވެހިރާއްޖޭގެ ރަސްމީ އޮފީހެއް ހުރިނަމަ ކައިވެނިކުރާތާ ދެ މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަން ހުށަހަޅަންވާނެކަމަށާއި އެފަދަ އޮފީހެއް ނެތް ޤައުމެއްނަމަ ކައިވެނިކުރާތާ ހަ މަސްދުވަހުގެތެރޭގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރަން ކޯޓަށް ހުށަހަޅަންވާނެކަމަށެވެ.
"އެ މުއްދަތު ހަމަވާފަހުންވެސް ކަނޑައެޅިފައިވާ ލިޔެކިޔުންތަކާއެކު ހުށަހަޅައިފިނަމަ ކައިވެނި ރަޖިސްޓްރީކޮށްދެވޭނެއެވެ، ނަމަވެސް އެ ހާލަތުގައި ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް އެއް ހާސް ރުފިޔާއިން ޖޫރިމަނާކުރެވޭނެ" ފެމިލީ ކޯޓުން މިއަދު ބުނެފައިވެއެވެ.
ފެމިލީ ކޯޓުން އިތުރަށް ބުނެފައިވަނީ ކައިވެނި ރަޖިސްޓްރީކުރަން ކޯޓަށް ހުށަހަޅަންވާނީ ޤާނޫނާއި ޤަވާއިދުގައިބުނާ ލިޔެކިޔުންތަކަށްފަހު އެކަމަށް ކަނޑައެޅިފައިވާ ފޯމުން ކަމަށާއި ރާއްޖެއިން ބޭރުގައިކުރާ ކައިވެނި ރަޖިސްޓްރީކުރުމަށް ކަނޑައެޅިފައިވާ ލިޔެކިޔުންތަކާއެކު ކޯޓަށް ހުށަހެޅުމުން ރަސްމީ ތިން ދުވަހާއި ހަތް ދުވަހުގެ ތެރޭގައި އެ ކައިވެންޏެއް އެ ކޯޓުގައި ރަޖިސްޓްރީކޮށްދެވޭނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް