ބަޔަކު ބޭނުންވެއްޖެ ނަމަ ހަތިޔާރުވެސް ގެނެވޭހެން ރާއްޖޭގެ ބޯޑަރު އޮތީ ހުޅުވިފަ: ކަސްޓަމްސް

ބަޔަކު ބޭނުންވެއްޖެ ނަމަ ހަތިޔާރުވެސް ގެނެވޭނެހެން ރާއްޖޭގެ ބޯޑަރ އޮތީ ހުޅުވިފައި ކަމުގެ ކަންބޮޑުވުން ކަސްޓަމްސް އިން މިއަދު ފާޅުކޮށްފިއެވެ. މިއަދު ރައްޔިތުން މަޖިލީހުގެ241 ކޮމިޓީގައި ވާހަކަ ދައްކަވަމ...

16 Jul 2024 | 08:43

ބަޔަކު ބޭނުންވެއްޖެ ނަމަ ހަތިޔާރުވެސް ގެނެވޭނެހެން ރާއްޖޭގެ ބޯޑަރ އޮތީ ހުޅުވިފައި ކަމުގެ ކަންބޮޑުވުން ކަސްޓަމްސް އިން މިއަދު ފާޅުކޮށްފިއެވެ.

މިއަދު ރައްޔިތުން މަޖިލީހުގެ241 ކޮމިޓީގައި ވާހަކަ ދައްކަވަމުން އެންފޯސްމަންޓް އެންޑް ބޯޑާ ސެކިއުރިޓީއާ ހަވާލުވެ ހުންނެވި، އެސިސްޓެންޓް ކޮމިޝަނަރު އޮފް ކަސްޓަމްސް އިސްމާއިލް ހަމްދޫން ވިދާޅުވީ، ކަސްޓަމްސް އަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަނޑުގެ ސަރަހައްދު ރަގަނޅަށް ނުބެލެހެއްޓޭ މައްސަލަ ކަމަށެވެ.

މީގެއިތުރުން ހަމްދޫނު ވިދާޅުވީ، ހަތިޔާރު ގެންނަ މީހަކު ނިޔަތް ގަނެފި ނަމަ ރާއްޖެއަށް ހަތިޔާރު ގެނެވޭނެ މަގު އޮތީ ހުޅުވިފަކަމަށެވެ. އަދި އެއީ ކަސްޓަމްސްއިން ކަންބޮޑުވާ ކަމެއް ކަމަށެވެ.

ކަސްޓަމަސްގެ އޮފިސަރުން މިހާރު ތިބެނީ ބަނދަރުގައި ކަމަށާއި، ބަދަރާއި ހަމައަށް އައުމުގެ ކުރިއަށް ބޭރުން އަންނަ އުޅަނދުތަކަށް ކޮންމެ ކަމެއްވެސް ކުރެވޭ ގޮތަށް މަގު ވަނީ ހުޅުވިފަ ކަމަށް ހަމްދޫނު ވަނީ ވިދާޅުވެފައެވެ.

އަދި ރާއްޖެއަށް ގާނޫނާ ހިލާފު ކޮންމެ އެއްޗެއް ވެސް ގެނައުމުގެ ފުރުސަތު އޮތް ކަމަށާއި މީގެ ކުރިން ކަސްޓަމްސްއިން ވަނީ ބަނދަރާ ހަމައަށް އައުމުން ސިނގިރޭޓާއި، ރަނާއި، މަސްތުވާތަކެތި އަތުލައިގެންފައިވާކަން ހަމްދޫނު ފާހަގަ ކުރެއްވިއެވެ.

ހަމްދޫނު ވިދާޅުވީ، ރާއްޖެ ފަދަ ބޮޑު ކަނޑުގެ ސަރަހައްދެއް އޮންނަ އެހެން ގައުމުތަކުން އެފަދަ މައްސަލަ ހައްލު ކުރާ ނިޒާމަށް ރާއްޖެވެސް ދާން ޖެހޭކަމަށެވެ. މިފަދަ އެހެން ގައުމުތަކުން ބޮޑަށް މޮނިޓަރ ކުރަނީ ވައިގެ މަގުން ޑްރޯންތައް ބޭނުން ކޮށްފެން ކަމަށެވެ. ރާއްޖެއިން ވެސް އެފަދަ ކަންކަން ކުރަން ޖެހޭ ކަން ހަމްދޫނު ފާހަގަ ކުރެއްވިއެވެ.

މިގޮތުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވީ، ބޯޑަރު ބެލެހެއްޓުމުގެ މަސައްަކަތް ވަރުގަދަ ކުރުމަށް އެމެރިކާ އާއި ޗައިނާ އިން ރާއްޖެ އަށް ޑްރޯން ދޭން ވަނީ އެއްބަސް ވެފައި ކަމަށެވެ. އަދި އެ ޑްރޯންތައް އޮޕަރޭޓް ކުރާނީ އެމްއެންޑީއެފްގައި އަލަށް އުފެއްދި އެއާކޯ އިން ކަމަށް މާނިއު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް