އިންތިހާބުގައި މީމު އަތޮޅުން ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ: ރައީސް

ވޭތުވެދިޔަ ފަސް އަހަރު މީމު އަތޮޅަށް ކޮށްދެމުންދާ މަސައްކަތްތަކަށް ބަލާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މީމު އަތޮޅުން އެމްޑީޕީ ކޯލިޝަނަށް ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއ...

16 Jul 2023 | 12:25

ވޭތުވެދިޔަ ފަސް އަހަރު މީމު އަތޮޅަށް ކޮށްދެމުންދާ މަސައްކަތްތަކަށް ބަލާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މީމު އަތޮޅުން އެމްޑީޕީ ކޯލިޝަނަށް ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވޭވަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ މިދިޔަ ދައުރުގައި ވޭވަށަށް ކޮށްދޭން ވައުދުވީ ހަމައެކަނި ބަނދަރުގެ މަސައްކަތް ކަމަށެވެ. ނަމަވެސް އޭގެ އިތުރުންވެސް ރަށުގެ ތަރައްގީއަށް ކުރަން ހުރި ކަންތައްތައް ފާހަގަ ކުރެވުމުން، އެ މަސައްކަތްތައް ކޮށްދެއްވަން ފެއްޓެވި ކަމަށެވެ.

އެގޮތުން، އާ އިންޖީނުގެއަކާއި ސްކޫލަށް އިތުރު އިމާރާތް ބޭނުންވާ ކަމާއި، ކައުންސިލްގެ އިދާރާ ބޭނުން ނުކުރެވޭވަރަށް ހުރުމުން އާ ކުރަ ޖެހމުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުގެ އިމާރާތް އާ ކުރުން ފާހަގަ ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ހުރިހާ ކަމެއް ލިސްޓުކޮށް މަސައްކަތްތައް ފަށައިގެން ކުރިއަށް ގޮސް، ގިނަ މަސައްކަތްތަކެއް މިހާރު ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ވޭވަށު ޒުވާނުން އެދުނު ފަދައިން ރަށުގައި ބޮޑު ފުޓުބޯޅާ ދަނޑެއް، ޓާފު އަޅއިގެން ނިންމަދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ދައުރުގައި މެނިފެސްޓޯގައި ހިމަނައިގެން ވޭވަރަށް ކޮށްދެއްވާނެ ކަންތައްތަކުގެ ގޮތުގައި ރައީސް ވިދާޅުވީ ރަށް ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި ބަނދަރު ހަދާ ނިމުއިރު އޮތް ތިލަ ސަރަހައްދުގެ މައްސަލަ ހައްލުކޮށް ދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް