އަންނަ ދައުރުގެ މަޖިލިސް މެމްބަރުން އިތުރުވެދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނެފައިވާގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކަނޑައަޅަނީ؛ ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސް ހާސް މީހަކަށް ނުވަތަ ފަސް ހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ކަމަށެވެ.
އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީ ފަސް ހާހަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށްވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރެއް ހޮވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ ޤާނޫނު ގައިވާގޮތުން، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ 12 މަހާއި 10 މަސް ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއަކަށްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅަންޖެހެއެވެ.
އެހެންކަމުން މި ހިނގާ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ކުރިން، ކުރިޔަށް އޮތް ރައްޔިތުންގެ މަޖލީހުގެ މެންބަރުންގެ ޢަދަދު އީސީ އިން ކަނޑައަޅާނެއެވެ.
އެގޮތުން 2024 ގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހަބީބް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް