ގޯތި ލިސްޓަށް ހުށަހެޅި 800 އެއްހާ ޝަކުވާ މިއަންނަނީ ބަލަމުން: އަކްރަމް

މާލެ ސަރަހައްދުން ގޯތި ލިބޭ ވަގުތީ ލިސްޓް އާއްމު ކުރުމުން ހުށަހެޅި ޝަކުވާތައް ބަލަމުން އަންނަ ކަމަށް އެ ކޮމިޓީ ޗެއާ ކުރައްވާ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ ...

16 Jul 2023 | 11:03

މާލެ ސަރަހައްދުން ގޯތި ލިބޭ ވަގުތީ ލިސްޓް އާއްމު ކުރުމުން ހުށަހެޅި ޝަކުވާތައް ބަލަމުން އަންނަ ކަމަށް އެ ކޮމިޓީ ޗެއާ ކުރައްވާ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

އަކްރަމް ވިދާޅުވީ އަހަރުތަކަކަށް ފަހު، މާލޭގެ މީހުންނަށް ގޯތި ދޭން ހުޅުވާލައި އާއްމުކުރި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިއްޔެ ހަމަވިއިރު ގާތްގަނޑަކަށް 800 ޝަކުވާ ލިބިފައިވާ ކަމަށެވެ.

އަދި މީގެ ތެރޭގައި ހަރުދަނާ ޝަކުވާތައް މާގިނަ ނޫން ކަމަށް މިހާތަނަށް ބެލި ޝަކުވާތަކުން ވެސް ބެލެވޭ ކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ.

"މި ޝަކުވާތައް ބަލާފައި އެ އަށް ޖަވާބު ދޭނަން. މި ޝަކުވާތައް ބަލައި ނިމުމުން ލިސްޓަށް ބަދަލު އައުން ވެސް އެކަށީގެންވޭ. އެކަމަކު އަދި ނޭނގޭ. ބަލައި ނިމުނީމަ އެނގޭނީ," އަކްރަމް ވިދާޅުވި އެވެ.

އެ ޝަކުވާތަކަށް ހަތް ދުވަހުގެ ތެރޭގައި ޖަވާބު ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ހިންގާ ބިންވެރިޔާ ސްކީމުގައި މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޖޮއިންޓް ވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް މީހުންނަށް، "ގޯތި ލިބޭ" ކެޓަގަރީގައިވާ މީހުންނާ ގުޅިގެން ގޯތި ކަށަވަރު ކުރެވޭ ގޮތް ވެސް އޮތީ ހަދައިފަ އެވެ.

ކުރިން އޮތް ގޮތުން ނަމަ "ޝަރުތު ހަމަވޭ، ޖޮއިންޓް ވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" މީހުންނަށް ޖޮއިންޓް ވެވޭނީ ގޯއްޗަށް ކުރިމަތިލީ މީހުންގެ ތެރެއިން އެ މީހަކާ ޖޮއިންޓް ވުމުގެ ތިމާގެކަމުގެ ގުޅުން އޮތް "ޖޮއިންޓް ވެގެން ގޯތި ލިބޭ" ސްޓޭޓަސްގެ މީހުންނާ އެކަންޏެވެ.

އެކަމަކު ވަގުތީ ލިސްޓްގައި ހިމެނޭ "ޝަރުތުހަމަވޭ ޖޮއިންޓުވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" ފަރާތްތަކުގެ ތެރެއިން "ގޯތި ލިބޭ" މީހުންނާ ވެސް ޖޮއިންޓް ވެގެން ފޯމު ހުށަހެޅުމުގެ ފުރުސަތު ފަހުން އޮތީ ހުޅުވާލައިފަ އެވެ.

އަކްރަމް ވިދާޅުވީ ޝަރުތު ހަމަވެ އަލަށް ޖޮއިންޓްވާން ޖެހޭ ލިސްޓުގައި ތިބި މީހުން ވަކިން އެނަލައިޒްކުރަން ޖެހޭނެ ކަމަށެވެ.

ސިންގަލް އެޕްލިކަންޓާއި އެކި މީހުން ގުޅިގެން ޖުމްލަ 23،088 މީހުން ހިމެނޭ ގޮތަށް ފޯމް ހުށަހެޅި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 19،858 މީހުން ކަމަށް ވެސް ބުނެފައި ވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި މިހާރު ހިއްކާފައި އޮތް ބިމުން 2،200 ގޯތި، ގުޅިފަޅުން މަދުވެގެން 2،000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން ވެސް 2،000 ގޯތި ދޭނެ އެވެ.

ސަރުކާރުން ފުރަތަމަ އިއުލާންކުރީ 5،000 ގޯތި ދޫކުރުމަށެވެ. ނަމަވެސް، ފަހުން ރައީސް ވިދާޅުވެފައި ވަނީ ޝަރުތު ހަމަވާ އެންމެނަށް ގޯތި ދޭނެ ކަމަށެވެ. އަދި އެންމެ ލަސްވެގެން އަންނަ މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރަން ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް