ދެން ރާއްޖޭގެ އިންފްލޭޝަން ރޭޓް ދާނީ ދަށަށް، އަހަރު ނިމޭއިރަށް ސްޓޭބަލްވާނެ: އެމްއެމްއޭ

މި އަހަރުގެ ދެވަނަ ކުއާޓަރާއި ތިންވަނަ ކުއާޓަރުގައި ރާއްޖޭގެ އިންފްލޭޝަން ރޭޓް މަޑުމަޑުން ދަށްވާނެ ކަމަށާއި އޭގެ ފަހުން އަހަރުގެ ފަހު ކުއާޓަރުގައި އިންފްލޭޝަން ސްޓޭބަލް ވާނެ ކަމަށް މަރުކަޒީ ބޭންކް، އެ...

16 Jul 2023 | 09:17

މި އަހަރުގެ ދެވަނަ ކުއާޓަރާއި ތިންވަނަ ކުއާޓަރުގައި ރާއްޖޭގެ އިންފްލޭޝަން ރޭޓް މަޑުމަޑުން ދަށްވާނެ ކަމަށާއި އޭގެ ފަހުން އަހަރުގެ ފަހު ކުއާޓަރުގައި އިންފްލޭޝަން ސްޓޭބަލް ވާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.

ޖީއެސްޓީ ރޭޓަށް ސަރުކާރުން ގެނައި ބަދަލާއެކު މިއަހަރު ޑޮމެސްޓިކް އިންފްލޭޝަން ރޭޓް 3.4 އަށް އިތުރުވާނެ ކަމަށް އެމްއެމްއޭ އިން އާއްމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ލަފާކުރެވެއެވެ.

އެހެން ނަމަވެސް އެންމެ ފަހުގެ ލަފާތަކަށް ބަލާއިރު މިދިޔަ އަހަރު އޮކްޓޯބަރ އަށްވުރެ އިންފްލޭޝަން ދެ ޕަސެންޓް ދަށްވާނެ ކަމަށް ބެލެވޭ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

އެމްއެމްއޭ އިން ބުނީ ކަރަންޓް ސަބްސިޑީއަށް ސަރުކާރުން ގެންނަން ނިންމާފައިވާ އިސްލާހުތައް މިއަހަރު ތަންފީޒުކުރާނެ ކަމަށް ނުބެލެވޭތީއާއި، މި އަހަރުގެ ބަޖެޓާ ގުޅިގެން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ކުރިން ކުރި ލަފާތަކާ އަޅައިބަލާއިރު އިންފެލޭޝަން ދައްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި އެ ޖަމިއްޔާތަކުގެ ލަފާތައްވެސް އިސްލާހުކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

މީގެ އިތުރަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރަށްވުރެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންފްލޭޝަން ރޭޓު މަތިވާނެ ކަމަށް އިންފްލޭޝަން ޓްރެޖެކްޓަރީއާ ގުޅޭގޮތުން އެމްއެމްއޭ އިން ހާމަކޮށްފައިވެއެވެ.

ފުރަތަމަ ކުއާޓަރަކީ ޖެނުއަރީން ފެށިގެން މާޗްގެ ނިޔަލަށް ހޭދަވާ މުއްދަތެވެ.

ޖީއެސްޓީ ރޭޓަށް ގެނައި ބަދަލުތަކާ އެކު މިދިޔަ އަހަރު ފަހު ކުއާޓަރުގައި އިންފްލޭޝަން ރޭޓު ހުރީ 3.1 ޕަސެންޓުގަ އެވެ.

އެހެންނަމަވެސް މި އަހަރުގެ ދެވަނަ ކުއާޓަރާއި ތިންވަނަ ކުއާޓަރުގައި އިންފްލޭޝަން ކުޑަކޮށް ދަށްވެ، އަހަރުގެ ފަހު ކުއާޓަރުގައި އިންފްލޭޝަން ހަމައަކަށް އެޅޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުން ރަޝިއާ ޔޫކްރެއިން ހަނގުރާމަ އިތުރަށް ހޫނުވެ، ޖިއޮޕޮލިޓިކަލްގެ ނުފޫޒުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ބޮޑެތި ނުރައްކާތަކާ އެކު، ދުނިޔޭގެ ސަޕްލައި ޗެއިންއަށް ދިމާވެފައިވާ ހުރަސްތައް އިތުރުވުމުގެ ފުރުސަތު އެބަ އޮތެވެ.

ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު ދަށަށް ދާން ފަށާފައިވާއިރު ކުރިން އަންދާޒާކުރި މިންވަރަށްވުރެ ބޮޑަށް ތެލުގެ އަގު ދަށަށް ގޮސްދާނެ ކަމަށާއި އޭގެ ސަބަބުންވެސް މިއަހަރުގެ ތެރޭގައި އިންފްލޭޝަން ޕްރެޝަރު ދަށްވުން އެކަށީގެންވާ ކަމަށް ވަނީ އެމްއެމްއޭގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް