2017 ވަނަ އަހަރު ދުނިޔޭގެ ފިރިހެން ބޮޑީބޯޑިން ޗެމްޕިއަންކަން ހޯދާފައިވާ ސައުތު އެފްރިކާގެ އިއަން ކެމްބެލް މިއަހަރުގެ "ވިޒިޓް މޯލްޑިވްސް ޕްރޯ 2023" ގައި ވާދަކުރާނެކަން އިއުލާންކޮށްފި އެވެ.
އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާގައި ހިމެނޭ "ވިޒިޓް މޯލްޑިވްސް ޕްރޯ 2023" މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި އޮންނާނީ އޮގަސްޓް 3-12 އަށެވެ.
މި މުބާރާތުގައި ދުނިޔޭގެ 20 ގައުމެއްގެ މަތީ ފަންތީގެ ބޮޑީބޯޑަރުން ވާދަކުރާނެ ކަމަށް ބެލެވެއެވެ.
މި މުބާރާތުގައި ވާދަކުރާނެކަން އެންމެ ފަހުން އިއުލާންކުރީ 2017 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަން އިއަން ކެމްބެލް އެވެ. އިއަން އަކީ ދުނިޔޭގެ ޗެމްޕިއަނުންގެ ތެރެއިން އޯޕަން ބަޔާއި ޑްރޮޕް ނީ ބައިގައި އެއް ފެންވަރެއްގައި ރާޅާ އަޅާ މަދު ބޯޑަރުންގެ ތެރޭގައި ހިމެނޭ އެއް ބޮޑީބޯޑަރެވެ.
އަދި އިއަން ވަނީ 2020 ވަނަ އަހަރު ކުރިއަށްދިޔަ ޕައިޕްލައިން މުބާރާތުގެވެސް ޗެމްޕިއަންކަން ހޯދާފަ އެވެ.
މިއަހަރުގެ މޯލްޑިވްސް ޕްރޯގައި ވާދަކުރާކަން އިތުރު ތިން ޗެމްޕިއަނަކުވަނީ ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ ފިރިހެން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޕިއޭ ލުއިސް ކޮސްޓޭސް ހިމެނެ އެވެ. ކޮސްޓޭ ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ 2011 އަދި 2016ގަ އެވެ. ކޮސްޓޭސް ވަނީ މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯގައިވެސް ވާދަކޮށްފަ އެވެ.
މީގެ އިތުރުން އަންހެން ބައިވެރިންނަށް ބަލާއިރު މިއަހަރުވެސް ޖަޕާންގެ ސަރީ އޮހާރާ ވާދަކުރާނެ ކަމަށް ބެލެވެއެވެ. އޭނާ ވަނީ 2019ގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި މިވަގުތު ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައިވެސް އުޅެނީ އޮހާރާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މުބާރާތުން އޮހާރާ ކަޓާފައިވަނީ ސެމީ ފައިނަލުންނެވެ.
މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯގެ އަންހެން ބައިގެ ފައިނަލުގައި ވާދަކުރި އެލެގްޒަންޑާ ރިންޑާވެސް މިފަހަރު ރާއްޖެ އަންނާނެ އެވެ. ދެ ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައި އެލެކްސް މިދިޔަ އަހަރު ފައިނަލުގައި ވާދަކޮށް ބަލިވީ އެވެ. ދުނިޔޭގެ އަންހެން ޗެމްޕިއަންކަން އެލެކްސް 2014ގައި ހޯދިއިރު އޭނާއަށް އެންމެ 16 އަހަރެއް ކަމަށްވާއިރު، އޭނާވެފައިވަނީ ދުނިޔޭގެ ޗެމްޕިއަންކަން ހޯދި އެންމެ ޒުވާން އަންހެން ބޮޑީބޯޑަރަށެވެ. އަދި އެލެކްސްގެ ދުނިޔޭގެ ޗެމްޕިއަންކަން އެންމެ ފަހުން ހޯދީ 2015ގަ އެވެ.
މި ބޮޑީބޯޑަރުންގެ އިތުރުން މިދިޔަ އަހަރުގެ ފިރިހެން އޯޕަން ބައި އަދި ޑްރޮޕް ނީ ބައިގެ ޗެމްޕިއަންކަން ހޯދާފައިވާ ޑޭވިޑް ހަބާޑްވެސް މިއަހަރު ރާއްޖެ އަންނާނެ އެވެ. އަދި 2017ގެ އަންހެން ދުނިޔޭގެ ޗެމްޕިއަން ޖޮއާނާ ޝެންކާވެސް މިއަހަރުގެ "ވިޒިޓް މޯލްޑިވްސް ޕްރޯ 2023"ގައި ވާދަކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް