މުލީގެ އާ ހޮސްޕިޓަލާއެކު ރިހަބިލިޓޭޝަން ސެންޓަރެއް ގާއިމު ކުރަނީ

މ. މުލީގެ އާ ހޮސްޕިޓަލާއެކު ރިހަބިލިޓޭޝަން ސެންޓަރެއް ގާއިމު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނިންމަވައިފިއެވެ. ރައީސް އެކަން އިއުލާނު ކުރައްވާފައި ވަނީ ރިޔާސީ އިންތިހާބުގެ ކ...

16 Jul 2023 | 05:02

މ. މުލީގެ އާ ހޮސްޕިޓަލާއެކު ރިހަބިލިޓޭޝަން ސެންޓަރެއް ގާއިމު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނިންމަވައިފިއެވެ.

ރައީސް އެކަން އިއުލާނު ކުރައްވާފައި ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުލީ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މުލީ ހޮސްޕިޓަލަކީ އެ ދާއިރާގެ ގިނަ ރަށްރަށުގެ ރައްޔިތުންނަށް ހިދުމަތް ދެމުން ގެންދާ ހޮސްޕިޓަލެއް ކަމަށެވެ. އަދި މި ސަރުކާރުން އެ ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރުކޮށްފައި ވާނެ ކަމަށެވެ.

އެހެން ނަމަވެސް ރަށު ރައްޔިތުންގެ އެދުމަކީ މިހާރަށްވުރެ ރަނގަޅު ހިދުމަތްތަކެއް ލިބޭ، ރަނގަޅު ހޮސްޕިޓަލެއް ގާއިމު ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަސައްކަތް ޕްލޭންކޮށް، މިހާރު ވަނީ ޓެންޑަރ އަށް ހުޅުވާލާފައެވެ.

އެހެންކަމުން ލަސްތަކެއް ނުވެ މިހާރު ހުރި ހޮސްޕިޓަލް އާ ހޮސްޕިޓަލަކަށް ބަދަލުވެގެން ދާތަން ފެންނާނެ ކަމަށާއި ހޮސްޕިޓަލާއެކީގައި ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމު ކުރުމުގެ މަޝްރޫއުވެސް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވޯ ރިޔާސީ އިންތިހާބަށް ކުރިމަތިލީ ކޯލިޝަނަކާއެކުގައި ކަމަށެވެ. އަދި އެ އެންމެން އެއް ވިސްނުމެއް ގެންގުޅޭ ކަމަށާއި، އެއީ ރާއްޖެ ތަރައްގީ ކޮށް ރައްޔިތުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މިހާރު ފަށާފާހުރި މަސައްކަތްތައް ނިންމާލުމަށް މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ދެން އޮންނާނީ އިތުރަށް ބޭނުންވާ ކަންތައްތަކާއެކު ކުރިއަށް ދިއުން ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުން ރާއްޖެއަށް ބަދަލުތަކެއް ގެނެވި، ހަމަޖެހުމާ އަމާންކަން ގެނެވިއްޖެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން އެނބުރި ދާންވީ ހަމަނުޖެހުމުގެ ތެރެއަށްތޯ ނުވަތަ ރައްޔިތުންނަށް ގެނެވޭ ތަރައްގީގެ މަޝްރޫއުތަކާއެކު ކުރިއަށް ދާނީތޯ ރައީސް ވަނީ ސުވާލު އުފައްދާފައެވެ.

މުލީގެ ރައްޔިތުންނަކީ ވަރަށް ބޮޑަށް ރަށަށް ތަރައްގީ ބޭނުންވާ ބައެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅު އެރަށަށް ދިއުމުބް ވަރަށް ގިނަ މީހުންނާ ބައްދަލުވި ކަމަށެވެ. އެމްޑީޕީއަށް ތާއީދު ކުރާ އަދި ނުކުރާ ގިނަ ބަޔަކު ބައްދަލުކޮށް، އެންމެންވެސް ހުށަހެޅީ ރަށަށް ތަރައްގީ ގެނައުމަށް ބޭނުންވާ ކަންތައްތައް ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މިދިޔަ މަހުގެ ނިޔަލަށް މުއްޔަށް284 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުވާލައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން އެއާޕޯޓް ނިންމާ ފްލައިޓް ޖެއްސޭވަރު ކުރުމަށް އަމާޒު ހިފާފައިވާ ކަަމަށެވެ.

އަދި އެއާޕޯޓް ނިމި، އަމަލީ ގޮތުން ހިންގަން ފަށާއިރު، މުއްޔާ ނާލާފުށި ގުޅާލުމުގެ ކޯޒްވޭގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ފަސް އަހަރު މުލީ މަގުތައް ޒަމާނީ ފެންވަރަށް ހެދިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް