ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީރަޖިސްޓަރ ވާން ހުޅުވާލައިފި

އަމިއްލަ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އީސީން ބުނީ، މިއަދުން ފެށިގެން އޮގަސްޓު 5 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށް...

16 Jul 2023 | 04:22

އަމިއްލަ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އީސީން ބުނީ، މިއަދުން ފެށިގެން އޮގަސްޓު 5 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020" ގައި މާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް، ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާނީ މާލެގައި ކަމަށް އީސީން ބުންޏެވެ.

ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގެ ޒަރިއްޔާއިން ޗެކްކުރެވޭނެއެވެ. މީގެއިތުރުން (VR space ID.No Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ.

ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް (ރީ-ރަޖިސްޓަރީވުމަށް) ހުށަހެޅުން

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް https://form.elections.gov.mv އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ މާލޭ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ.

މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ.

އަދި ރީ-ރަޖިސްޓަރީވުމަށް އެދޭ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް އީސީގެ އިއުލާނުގައި ވެއެވެ.

އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް ހުށަހެޅުން

ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަން ޖެހެއެވެ.

މި މުއްދަތުގެ ތެރޭގައި ރީ-ރަޖިސްޓަރީ ވުމަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނީ 2023 ޖުލައި 16 އިން 2023 ޖުލައި 31 ގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށް ރީ-ރަޖިސްޓަރީވުމަށް ފޯމު ހުށަހެޅުން

ރަޖިސްޓަރީ ވުމަށް ފޯމު މެދުވެރިކޮށް ހުށަހަޅާނީ "ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ.

މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. އަދި މިފޯމު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ރީ-ރަޖިސްޓަރީ ކުރުން ކުރިޔަށްދާނީ 2023 ޖުލައި 16 އިން 2023 އޮގަސްޓު 5 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ. 2023 އޮގަސްޓް 5 ވާ ހޮނިހިރު ދުވަހު މެންދުރުފަހު 04:00 ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް