ހުޅުމާލޭ ރެހެންދި ސްކޫލުގެ ޕީޓީއޭއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސޭލެއްގެ ތެރޭގައި ބޭ އަދަބީ ބަސްތަކެއް ހިމެނޭ ބުއިންތަކެއް އެކުލެވޭ މެނޫއެއް ބެހެއްޓިފައިވަނީ ނޭނގުމެއްގެ ތެރޭގައި ކަމަށާއި އެކަން ކުށްވެެރި ކުރާކަމުގައި ރެހެންދި ސްކޫލުން ބުނެފިއެވެ.
އެގޮތުން އެ ސްކޫލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމްވީ ކްރައިސިސް އޮންލައިންގައި ޝެއާކޮށްފައިވާ (ސްކޫލުގައި މިހާރު ކުރިއަށްދާ ސޭލްގެ ކެންޓީނުކައިރީގައި ރޭ ބެހެއްޓި މެނޫ) ބޯޑުގައިވާ އިބާރާތްތަކަކީ ސްކޫލެއްގެ ތެރޭގައި ބެހެއްޓުން އެންމެ ރަނގަޅު އިބާރާތްތަކެއް އެކުލެވޭ އިސްތިހާރު ބޯޑެއް ނޫންކަމުގައި ސްކޫލުން ދެކޭ ކަމަށެވެ.
"އެކަން ކުރި ބަޔަކު ކޮށްފައިވަނީ އެއީ އެއީ އިންޓަނޭޝަނަލް މެނޫއެއް ކަމަށްވާތީ މާބޮޑު ވިސްނާލުމެއްނެތިކަމުގައި ސްކޫލަށް ވަނީ މައުލޫމާތު ދީފައި" ރެހެންދި ސްކޫލުން ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެކަން ހަމަ އެނގުނު ހިސާބުން އެ ބޯޑު ނަގަައި އެކަން ނުކުރެވޭނެކަން އެންގި ކަމަށެވެ. އަދި ސޭލުގައި އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުން މަނާކޮށްފައިވާ އެއްވެސް އެއްޗެއް އެ ސޭލުގައި ނުވިއްކޭނެކަން ސޭލްގެ ގަވާއިދުގައިވެސް ހިމެނިފައިވާނެކަމަށްވެސް ބުނެފައިވެއެވެ.
ރެހެންދި ސްކޫލުގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ މިހާރު ދައުރުވަމުންދާ ފޮޓޯއަކީ ސްކޫލަށް އެނގިގެން ބެއްޓުނު އެއްޗެއް ނޫން ކަމަށާއި އަދި އެފަދަ ބޯޑެއް ސްކޫލް ގޯތި ތެރޭގައި ބެހެއްޓުން ކުށްވެރިކޮށް އެކަމަށް ނިހާޔަތަށް މާފަށް އެދޭކަމަށެވެ.
އެ މެނޫ ސްކޫލުގެ އެ ސޭލްގައި ބެހެއްޓުމުން އެކަން ވަނީ އާންމުންގެ މެދުގައި ހޫނު މައުލޫއަކަށް ވެފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭ ތަނެއްގައި އެފަދަ މެނޫއެއް ބެހެއްޓިގެން ނުވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް