ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތައް ކ. ކުޑަގިރި ޖުލައި 26 ގައި ހުޅުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ އެ މަސައްކަތުގެ ދަށުން ކުޑަގިރި ދިއްލާ، ލައިޓިންގ ވެސް ޓެސްޓުކޮށްފައިވާ ކަމަށެވެ. އަދި މާލެ ކައިރިން ޕިކްނިކް ދާނެ ރަށެއް ނެތުމާއެކު، އެފަދަ ރަށެއް ގާއިމް ކުރުމަށް ސަރުކާރުގެ ކުންފުނިތަކާއި ހަވާލުކޮށްގެން ތަރައްގީ ކުރަމުން އަންނަ ކުޑަގިރީގައި އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ކަރަންޓުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށް ވެސް ބުންޏެވެ.
އެގޮތުން ކުޑަގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމްކޮށް ނިމި، މަގުބައްތީގެ ގޮތުގައި ގާރޑެން ލައިޓްތަކެއް އެ ކުންފުނިން ހަރުކޮށް ދިއްލާލާފައިވާ ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން ކުޑަގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމް ކުރުމަށްޓަކައި، 3000 މީޓަރުގެ ކޭބަލް ވަޅުލައި، ޑިސްޓްރިބިއުޝަން ފޮށި ހަރުކޮށް، ހަދަން ޖެހޭ ހުރިހާ ކަނެކްޝަނެއް ވެސް މިހާރު ހަދާނިމިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
އެ ކުންފުނިން އިތުރަށް ބުނީ ކުޑަގިރީގައި މިހާރު މިކުންފުނިން ކުރަމުންގެންދާ މަސައްކަތަކީ ރަށަށް ޒިޔާރަތްކުރާ ފަތާތްތަކަށް ކެފޭއެއްގެ ޚިދުމަތް ދިނުމަށްޓަކައި، އަޅަންޖެހޭ ކެފޭ އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.
އެ މަސައްކަތް މި މަހުގެ 26 ގެ ކުރިން ނިންމުމަށްޓަކައި، އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ރެޔާއި ދުވާލު މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް ސްޓެލްކޯ އިން ބުނީ ކަނޑައަޅާފައިވާ ދުވަހަށް ކުޑަގިރި ހުޅުވުމަށްޓަކައި، ކުރަމުންގެންދާ ހުރިހާ މަސައްކަތެއް ވަރަށްގާތުން ނައިބު ރައީސް ފައިސަލް ނަސީމްއާއި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ބައްލަވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން މި ޖުލައި މަހުގެ 14 ވީ ބުރާސްފަތި ދުވަހު ނައިބް ރައީސް ފައިސަލް އާއި، މެނޭޖިންގ ޑިރެކްޓަރ ޝަރީފް ވަނީ ކުޑަގިރިއަށް ވަޑައިގެން މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް