ލޮރެންޒޯ އާއި ސްކައިލާރކް ގެ މެޗުން ނެޝަނަލް ނެޓްބޯލް ޓޯނަމެންޓް މިއަދު ހަވީރު ފަށާނެ ކަމަށް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
ދުވަސް ނޫހަށް މައުލޫމާތު ދެމުން އެ އެސޯސިއޭޝަނުން ބުނީ މި މުބާރާތް ކުރިއަށްދާނީ "މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓް 2022" ގެ ނަމުގައި ކަމަށެވެ.
މި މުބާރާތުގެ ތާވަލަށް ބަލާއިރު، މިއަދާއި މިރޭ ތިން މެޗު ކުޅުމަށް ވަނީ ނިންމާފައެވެ.
އެގޮތުން މުބާރާތުގެ ފުރަތަމަ މެޗުގައި ހަވީރު 16:30 ގައި ލޮރެންޒޯ ސްޕޯޓްސް ކްލަބާއި ސްޕޯޓްސް ކްލަބު ސްކައިލާރކް ބައްދަލުކުރާއިރު، ދެވަނަ މެޗު ފަށާނީ އިރުއޮއްސި 7 ޖަހާއިރުއެވެ. މި މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ޔުނިޓީ ސްޕޯޓްސް ކްލަބާއި ވިޔަންސާއެވެ.
މުބާރާތުގެ ތިންވަނަ މެޗު މިރޭ 21:30 ގައި ކުޅުމަށް ތާވަލުގައިވާއިރު މި މެޗުގައި ބައްދަލުކުރާނީ ސްޕޯޓްސް ކްލަބް ޝައިނިންގ ސްޓާރ އާއި ކްލަބު ގްރީން ސްޓްރީޓެވެ.
ޖުލައި 22 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ މި މުބާރާތް ކުޅޭނީ މާފަންނުގައި ހުންނަ އިޖުތިމާޢީ މަރުކަޒު (ސޯޝަލް ސެންޓަރ) ގެ އެތެރޭ ކޯޓުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް