އިންޑިއާގެ މަޝްހޫރު ފޮޓޯ ޖާނަލިސްޓު ދާނިޝް އަފްގާނިސްތާނުގައި މަރާލައިފި

އަފްގާނިސްތާނުގައި ތޯލިބާނުންނާއި އެގައުމުގެ އަސްކަރިއްޔާއިން ހަމަލާ ބަދަލު ކުރުމުގެ ތެރޭގައި އެ ގައުމުގައި މަސައްކަތް ކުރަމުން ދިޔަ މަޝްހޫރު ފޮޓޯ ޖާނަލިސްޓް ދާނިޝް ސިއްދީގު މަރާލައިފި އެވެ. ދާނިޝްއަކ...

16 Jul 2021 | 17:40

އަފްގާނިސްތާނުގައި ތޯލިބާނުންނާއި އެގައުމުގެ އަސްކަރިއްޔާއިން ހަމަލާ ބަދަލު ކުރުމުގެ ތެރޭގައި އެ ގައުމުގައި މަސައްކަތް ކުރަމުން ދިޔަ މަޝްހޫރު ފޮޓޯ ޖާނަލިސްޓް ދާނިޝް ސިއްދީގު މަރާލައިފި އެވެ.

ދާނިޝްއަކީ ބައިނަލް އަގުވާމީ ނޫސް އެޖެންސީ ރޮއިޓާސްގައި މަސައްކަތް ކުރާ ފޮޓޯ ޖާނަލިސްޓެކެވެ.

މަރާލި އިރު ދާނިޝް މަސައްކަތް ކުރަމުންދިޔައީ އަފްގާން އަސްކަރިއްޔާގެ ޓީމަކާއި އެކު ޕާކިސްތާނާއި ދެ ގައުމު ގުޅޭ ބޯޑަރު ހިމެނޭ ކަންދަހާރު ޕްރޮވިންސްގައި އެވެ. އޭނާއަށް ހަމަލާދީ މަރާލީ ސީދާ ކޮންބައެއް ކަމެއް އަދި ނޭނގެ އެވެ.

ހަމަލާތަކުގައި ދާނިޝް މަރުވެފައިވާކަން ހާމަކޮށްފައިވަނީ އަފްގާނިސްތާނުން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ފަރީދެވެ. އޭނާ ވަނީ އެއީ ހިތާމަވެރި ހަބަރެއް ކަމަށް ވިދާޅުވެފައި އެވެ.

މި މައްސަލައިގަ އިންޑިއާ ސަރުކާރުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.

ދާނިޝް ވަނީ 2018 ވަނަ އަހަރު ޕުލިޓްޒާ ޕްރައިޒް އިން ފީޗާ ފޮޓޯގްރަފީ އެވޯޑު ހާސިލް ކޮށްފައެވެ. އެ އެވޯޑު ލިބުނީ މިއަންމާ ރޮހިންޖާ ދަރިކޮޅުގެ މީހުންނަށް ލިބެމުންދާ ލާއިންސާނީ އަނިޔާވެރިކަން ދައްކުވައިދޭ ފޮޓޯތަކެއް އޭނާ އާއި އިތުރު ދެ ފޮޓޯގްރާފަރުން ގުޅިގެން ނެގުމުންނެވެ.

މުޅި ދުނިޔޭގެ ސަމާލުކަން ލިބިފައިވާ މަޝްހޫރު ފޮޓޯތަކެއް ނަގާފައިވާ ދާނިޝް ފަހުން އެންމެ މަޝްހޫރުވީ އިންޑިއާއަށް މިއަހަރު އެރި ކޯވިޑުގެ ދެ ވަނަ ރާޅުގައި އިންޑިއާގެ ހާލަތު ދައްކައިދޭ ފޮޓޯ ނެގުމުގައި އޭނާ ދައްކާލި ކުޅަދާނަ ކަމެވެ.

ދާނިޝް ރޮއިޓާސްގައި ފޮޓޯޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާތާ 10 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް