އަވައްޓެރި ސްރީލަންކާގައި ހައްޔަރުކޮށްފައި ހުރި ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ އާއި އެކު ޖިންސީ ގުޅުން ހިންގި ކަމަށް 15 އަހަރުގެ ކުޑަކުއްޖާ މިއަދު ކޯޓުގައި ބުނެފި އެވެ.
އެ ކުއްޖާ އާއި އެކު ޖިންސީ ގުޅުން ހިންގައި ހަށިވިއްކުމަށް އިޝްތިހާރު ކުރަން ވެބްސައިޓެއް ހިންގި ކަމުގެ ތުހުމަތުގައި އަޝްމަލީ ހައްޔަރު ކުރީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. އަދި ފަސް ވަނަ ދުވަހު ކޯޓުން ޖެހި 10 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން މިއަދު ވަނީ އަނެއްކާވެސް ކޯޓަށް ހާޒިރު ކޮށްފައި އެވެ.
މިއަދުގެ އަޑު އެހުމުގައި ވަނީ އައިޑެންޓިފިކޭޝަން ޕެރޭޑެއް ކުރިޔަށް ގެންގޮސްފައި އެވެ. އެ ޕެރޭޑުގައި އަޝްމަލީ ބައިވެރިކޮށްފައިވާއިރު އެއީ ކުށެއްގެ މަންޒަރު ފެނުނު ހެއްކަށް، އެ ކުށުގެ ތުހުމަތުވާ ގިނަ ބަޔެއްގެ ތެރެއިން، ސީދާ އެ ކުށް ކުރި މީހާ ދެނެގަންނަން ކުރާ ކަމެކެވެ.
އެ ޕެރޭޑުގައި އަޝްމަލީ އާއި އެއް ދުވަހެއްގައި ހައްޔަރު ކުރި އަނެއް ތިން މީހުންނާއި އެކު 32 މީހުން ބައިވެރިވެރިކޮށްފައިވެ އެވެ. އެ ކުއްޖާ މިއަދުގެ އަޑު އެހުމުގައި ވަނީ އަޝްމަލީ ހިމެނޭހެން މިމަހު ހަތަރު ވަނަ ދުވަހު ހައްޔަރު ކުރި ހަތަރު މީހުންނާއި އެކު ޖިންސީ ގުޅުން ހިންގި ކަމަށް ކޯޓުގައި ބުނެފައި އެވެ.
މިއަދުގެ އަޑު އެހުމުގައި ނިންމާފައިވަނީ ޕާސްޕޯޓު ހިފަހައްޓައި ކަފާލާތުގެ ދަށުން ދޫކޮށްލާށެވެ. ކަފާލާތުގެ ދަށުން ދޫކޮށްލީ އަޝްމަލީގެ ފަރާތުން ކޯޓަށް 125 ޑޮލަރު ދެއްކުމުންނެވެ.
މީގެ އިތުރުން ދެ ގެރެންޓީ ނުވަތަ ޝުއަރިޓީސްގެ ގޮތުގައި 25،000 ޑޮލަރު ވެސް ބަހައްޓަންޖެހޭނެ ކަމަށް ކޯޓުން ކަނޑައަޅައިފަ ވެ އެވެ. އަޝްމަލީ ކަފާލާތުގެ ދަށުން ދޫކޮށްލީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަކަމުން ކަމަށްވެ އެވެ.
އޭނާއަށް ކަފާލާތް ލިބުމަށް މަގުފަހިވި އިތުރު ސަބަބުތަކުގެ ތެރޭގައި އެ ކުއްޖާ ކްލަޔަންޓުން ކައިރިއަށް ފޮނުވަމުން ދިޔައީ 21 އަހަރުގެ އެހެން އަންހެނެއްގެ ޕާސްޕޯޓާއި އެކު ކަމަށްވުން ހިމެނެ އެވެ. އެހެންކަމުން، އެގޮތަށް އުމުރު އޮޅުވާލުމުގެ ސަބަބުން އެއީ ކުޑަކުއްޖެއް ކަމެއް އޭނާއާއެކު ގުޅުން ހިންގި މީހުންނަށް ނޭނގުމުގެ ފުރުސަތު އެބައޮތް ކަމަށް ކޯޓުން ބުނެފައިވެ އެވެ.
މި މައްސަލައިގަ ކޯޓުގައި އަޝްމަލީގެ ދިފާއުގައި އޭނާގެ ގާނޫނީ ވަކީލު ވިދާޅުވީ އަޝްމަލީގެ ނިޔަތަކީ ކުޑަކުއްޖަކާއި އެކު ޖިންސީ އަމަލެއް ހިންގުން ނޫން ކަމަށެވެ. އަދި ބުކިން ހެއްދި އިރު އެއީ ކުޑަކުއްޖެއްކަން ނޭނގޭ ކަމަށް ވަކީލް ވިދާޅުވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ވަކީލް ވިދާޅުވީ އަޝްމަލީ އޮންލައިންކޮށް ފައިސާ ދައްކައި ބުކިން ހެއްދީ ވެބްސައިޓަކުން އިސްތިހާރެއް ފެނިގެން “އޮއިލް މަސާޖެއް ކުރަން” ކަމަށެވެ.
މި މައްސަލައިގަ ހައްޔަރު ކުރި މީހުންގެ ތެރޭގައި ލަންކާގެ ވެރިކަން ކުރާ ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި ބުދިސްޓު ފާދިރިީއެއްގެ އިތުރުން އެ އަންހެން ކުއްޖާގެ މަންމަ އާއި ވިޔަފާރިވެރިން ހިމެނެ އެވެ. މީގެ އިތުރުން ހަށިވިއްކާ ހޮޓަލުގެ މެނޭޖަރާއި މީހުން އެތަނަށް އުފުލާ އޮޓޯ ޑްރައިވަރަކު ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް