ބޮޑު އީދު ދުވަހު މާލެ ސިޓީގައި ހިނގާފައި އުޅޭ ވަގުތެއް މާލެ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ މާލެ ސިޓީ ކައުންސިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އީދު ދުވަހު ހިނގާފައި އުޅޭ ވަގުތެއް ކަނޑައެޅީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާފައި ކަމަށެވެ. މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ހިޔާލަށް ބެލުމަށްފަހު އަޟްހާ އީދު ދުވަހުގެ ހަވީރު 4:00ން ރޭގަނޑު 8:00ށް މާލެ ސިޓީގައި ހިނގާފައި އުޅޭ ގޮތަށް ނިންމާފައިވާ ކަމަށެވެ. މިކަމާ ގުޅިގެން މިހާރު ޓްރެފިކް ޕޮލިހާ މަޝްވަރާ ކުރައްވާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މާލެ އަކީ ތޮއްޖެހިފައިވާ ތަނަކަށްވާއިރު، މިފަދަ ދުވަހެއްގައި އާއިލާއާއެކު ބޭރަށް ނުކުމެ ހިނގާލަން ބޭނުންވާ އާއިލާތައް ވަރަށް ގިނަ ކަމަށެވެ. އަދި ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައިވާއިރު، ވެހިކަލްގެ ބިރެއް ނެތި ބޭރުގައި އުޅުމުގެ ފުރުސަތު ގިނަ ބަޔަކު ބޭނުންވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. އެގޮތުން މާސްކް އެޅުމާއި، އިޖުތިމާއީ ގައިދުކުރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މުއިއްޒު އެދިވަޑައިގަތެވެ.
މާލެގައި ހަވީރު 4:00ން ރޭގަނޑު 8:00ށް ހިނގާފައި އުޅޭ ގޮތަށް ނިންމާފައިވާއިރު، މިވަގުތުގައި ވެހިކަލް ދުއްވޭނީ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އެ ވަގުތު ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަމުންދާނެ ކަމަށާއި، ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތަކާއި މެދު ފިޔަވަޅުއަޅާނެއެވެ.
މީގެ ކުރިން ވެސް އީދު ދުވަސްތަކާ ގުޅިގެން މާލެ އަދި ވިލިމާލޭގައި ހިނގާފައި އުޅޭ ގޮތަށް ހަމަޖައްސާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް