ގަވާއިދާ ޚިލާފަށް ޕާކުކުރާ ނަމަ ލައިސަންސުން ޕޮއިންޓް އުނިކޮށް އަދި ލައިސަންސް ބާތިލް ކުރެވޭ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ.
ކުރިން އޮންނަ ގަވާއިދު ބުނާ ގޮތުން، ގަވާއިދާ ޚިލާފަށް ޕާކް ކުރުމުން، ކުރާނީ ޖޫރިމަނާނެއެވެ. ލައިސަންސް ހިފެހެއްޓުމާއި ބާތިލް ކުރުން ފަދަ ފިޔަވަޅުތައް ނޭޅޭނެއެވެ. އެ ފަދަ ފިޔަވަޅެއް އެޅޭނީ ނުރައްކާތެރިކޮށް ދުއްވުން ފަދަ ހާލަތްތަކުގައެވެ.
އަލަށް އަމަލުކުރަން ފެށި ގަވާއިދުގައި ބުނެފައި ވަނީ ކޮންމެ ލައިސަންސެއްގައި 100 ޕޮއިންޓް ހިމެނޭނެ ކަމަށާއި ޓްރެފިކް ގަވައިދުތާއި ހިލާފުވާ އިރު ހިލާފުވާ ކުޑަބޮޑުމިނަށް ބަލައި އެކި އަދަދުތަކުން ޕޮއިންޓް ކެނޑެމުން ދާނެ ކަމަށެވެ. ޕޮއިންޓް ހުސްވުމުން ދެން ޖެހޭނީ ޓެސްޓްތައް ހަދައިގެން އަލުން ލައިސަންސް ނަގާށެވެ. އަލުން ލައިސަންސް ނަގަން ހުށަހެޅޭނީ ލައިސަންސް ބާތިލް ކުރާތާ ހަމަސް ފަހުންނެވެ.
ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ކޮންމެ ފަހަރަކު އުޅަނދު ޕާކުކުރި މީހާގެ ލައިސަންސުން 5 ޕޮއިންް އުނި ކުރާނެ ކަމަށް ގަވާއިދުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ އުޅަނދު ދުއްވި މީހާގެ ލައިސަންސުން 75 ޕޮއިންޓް ކްރެޑިޓް އުނިވާނެ ކަމަށާއި، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދުދުއްވުުމުގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެނަމަ އުޅަނދު ދުއްވި މީހާގެ ލައިސަންސުން 50 ޕޮއިންޓް އުނިވާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައި ވެއެވެ.
ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުުމުގެ ކުށް ދެ ފަހަރަށްވުރެ އިތުރުވެއްޖެނަމަ އިތުރަށް ތަކުރާރުވާ ކޮންމެ ފަހަރަކު އުޅަނދު ދުއްވި މީހާގެ ލައިސަންސުން 25 ޕޮއިންޓް އުނިވާނެއެވެ. އަދި އުޅަނދު ދުއްވި މީހާގެ އިހުމާލުން އެއް އަހަރު ދުވަހުގެ ތެރޭގައި ފަސް އެކްސިޑެންޓަށްވުރެ ގިނައިން އެކްސިޑެންޓް ހިނގާ ކޮންމެ ފަހަރަކު، އުޅަނދު ދުއްވި މީހާގެ ލައިސަންސުން 20 ޕޮއިންޓް އުނިވާނެ އެވެ.
ގާނޫނުގައި ނުވަަތަ ގަވާއިދުގައި ކަނޑައަޅާފައިވާ ދުވެލީގެ މިންގަނޑާ ހިލާފުވުމުގެ އަމަލު ދެ ފަހަރަށްވުރެ އިތުރަށް ތަކުރާރުކޮށްފިނަމަ އެ މީހެއްގެ ލައިސަންސްއިން 15 ޕޮއިންޓް އަދި އެއްކޮޅަށް ދުއްވުމަށް ކަނޑައަޅާފައިވާ މަގެއްގައި އެއާ ހިލާފަށް ދުއްވުން ނުވަތަ ޓްރެފިކް ބައްތިއާ ހިލާފަށް ދުއްވުމުގެ ކުށް ދެ ފަހަރަށްވުރެ އިތުރަށް ތަކުރާރުކޮށްފިނަމަ ކޮންމެ ފަހަރަކު އެ މީހެއްގެ ލައިސަންސުން 10 ކްރެޑިޓް ޕޮއިންޓް އުނިވާނެއެވެ.
ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވުމުގެ ކުށް ދެ ފަހަރު ތަކުރާރުކޮށްފި ނަމަ، 48 ގަޑިއިރަށް ލައިސަންސް ހިފެހެއްޓޭ ގޮތަށް ވެސް އެ ގަވާއިދުގައިވެއެވެ. އެކްސިޑެންޓްގެ މައްސަލަތަކުގައި ތަހުގީގުގެ ބޭނުމަށް ހަތް ދުވަހަށް ލައިސަންސް ހިފެހެއްޓޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެއެވެ.
ބޭރު ގައުމުތަކުން ދޫކުރާ ލައިސަންސް ބޭނުން ކޮށްގެން ވަގުުތީ ގޮތުން ރާއްޖޭގައި ދުއްވުމުގެ ހުއްދަ ލިބޭ އުސޫލެއް ވެސް ގަވާއިދުގައި ހިމަނާފައިވެއެވެ. އެގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރާ ގައުމުތަކުން ދޫކުރާ ލައިސަންސެއް އޮވެއްޖެ ނަމަ، 90 ދުވަސް ވަންދެން ރާއްޖޭގައި އެފަދަ ލައިސަންސެއް ބޭނުންކޮށްގެން ދުއްވޭނެ ކަމަށް ގަވާއިދުގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް