އަމިއްލަ ވަތަނުގައި ދިރިއުޅުމުގެ ހައްގުން މަހުރޫމުވެފައިވާ ފަލަސްޠީނުގެ އެތައް މިލިއަން މީހުން އެބަ ތިބި ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ، ދިރިއުޅުމުގެ ހައްގާއި މިލްކުވެރިކަމުގެ ހައްގަކީ އިންސާނާގެ އަސާސީ އެންމެ މުހިއްމު ދެ ހައްގު ކަމަށް އިންސާނީ ހައްގުތަކުގެ މޭސްތިރީން ބުނުމުގެ މާ މާކުރިން، އިސްލާމް ދީނުގެ ނަބިއްޔާ މުޅި ދުނިޔެއަށް މިކަން އިއުލާން ކުރައްވާފައިވާ ކަމަށެވެ. ޚުތުބާގައި ބުނީ އިސްލާމް ދީނުގައި، މި ދެ ހައްގު ހޯދައިދީފައިވަނީ ހަމަ އެކަނި މުސްލިމުންނަކަށް ނޫން ކަމަށާއި، ކޮންމެ އިންސާނަކަށް ވެސް، މިހައްގުތައް ކަށަވަރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް މިއަދު އެމީހުންގެ އަމިއްލަ ވަތަނުގައި ދިރިއުޅުމުގެ ހައްގުން މަހުރޫމުވެފައިވާ ފަލަސްޠީނުގެ އެތައް މިލިއަން މީހުން އެބަ ތިބި ކަމަށެވެ.
'ޚުތުބަތުލް ވަދާއުގެ ހިޔަލުގައި'' މި މައުޟޫއަށް ރާއްޖޭގައި އިއްވި ހުކުރު ޚުތުބާގައި މިއަދު ބުނީ، "ޙައްޖަތުލް ވަދާޢު"ގެ ނަމުން ނަންދެވިފައިވާ ޚުތުބާގައި ﷲގެ ފޮތާއި އެކަލޭނގެފާނުގެ ސުންނަތުގައި ހިފެހެއްޓުމަށް އިސްލާމީ އުއްމަތަށް އަމުރު ކުރައްވާފައިވާ ކަމަށެވެ. އެ ޚުތުބާގައި އިސްލާމް ދީނުގެ އުސޫލުތަކާއި އެ ދީނުގެ ގަވާއިދުތައް ބަޔާންކޮށް ދެއްވާފައިވާއިރު، އޭގެ މަތީގައި ބިނާ ކުރެވޭ އަހުލާގީ ގާނޫނުތަކުގެ އަސާސުތަކާއި އޭގެ މަތީގައި އާއިލާ ބިނާކުރެވޭ ތަނބުތަކުގެ ތަރަހަ ބަޔާންކުރައްވާފައިވާ ކަމަށެވެ.
"ޙައްޖަތުލް ވަދާޢު" ޚުތުބާގައި ޖާހިލިއްޔަ ޒަމާނުގެ ނުބައި އާދަކާދަތައް ވަޅުލައްވައި، އެއާދަކާދަތަކާ ދުރުހެލިވުމަށް އަމުރު ކުރެއްވި ކަމަށެވެ. އަދި ހަޔާތް ބާއްޖަވެރިކުރުމަށް ޙައްޖަތުލް ވަދާޢުގެ ޚުތުބާއިން އިބްރަތް ހާސިލްކުރުމަށް މިއަދުގެ ޚުތުބާގައި ގޮވާލާފައިވެއެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ އިސްލާމީ ރިސާލަތަކީ ބައިނަލް އަގުވާމީ ރިސާލަތެއް ކަމަށާއި، މާތް ﷲ މި ރިސާލަތު ބާވައިލެއްވީ، ހުރިހާ ގައުމުތަކަކަށާއި، ހުރިހާ އުއްމަތްތަކެއްގެ ހެވާއި ލާބައަށް ޓަކައި ކަމަށެވެ. އެހެންކަމުން މި އެއްބައިވަންތަކަން ހިތް މައްޗަށް ގެނެސް، މުޖުތަމައުގެ ސަލާމަތްކުރުމަށް އަތުކުރި އޮޅައިލައި މަސައްކަތް ކުރަންޖެހޭ ކަމަށާއި، ވަޠަނުގެ އަމްނާއި، ސަލާމަތާއި، ހަމަޖެހުމަށް ޓަކައި މަސައްކަތްކުރުމަށް އަޒްމު ކަނޑައަޅަންޖެހޭ ކަމަށެވެ. ޚުތުބާގައި ބުނީ ނަބަވީ އިރުޝާދުން ހޭލުންތެރިކަން ލިބިގެން ނަފްސުތައް ރައްކާތެރިކުރުމަށް ތެދުވަން ޖެހޭ ކަމަށާއި، މުޖްތަމައުއާއި، ވަތަނުގެ ހިމާޔަތުގައި އަތާއި އަތް ޖޯޑު ކުރަންޖެހޭ ކަމަށެވެ. ރަސޫލާގެ އުންމަތުގެ މީހުން ވާން ޖެހޭނީ، ބިނާކުރަނިވި މީހުންނަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް