ގިނަ ބަޔަކު އެއްތަން ނުވާ ގޮތަށް ރައީސަށް މަރުހަބާ ދަންނަވަން އިލްތިމާސްކޮށްފި

ކޯވިޑް-19ގެ ނުރައްކާ އަދިވެސް އޮތުމާއެކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް ޖުލައި މަހުގެ 16 އިން 18 އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ...

16 Jul 2021 | 09:18

ކޯވިޑް-19ގެ ނުރައްކާ އަދިވެސް އޮތުމާއެކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް ޖުލައި މަހުގެ 16 އިން 18 އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނަށް ރަށްރަށުން މަރުހަބާ ދެންނެވުމަށް ބޮޑެތި އެއްވުންތައް ނުބާއްވަން އިލްތިމާސްކޮށްފިއެވެ.

ރައީސް އޮފީހުން ވަނީ ތިލަދުންމަތީ ދެކުނުބުރިއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޚާއްސަ އިންތިޒާމްތައް ހަމަޖެއްސުމަށް ގިނަ ރިކުއެސްޓްތަކެއް ލިބިފައިވާކަން ހާމަކޮށްފައެވެ. އެހެންނަމަވެސް، ކޯވިޑް-19ގެ މި ހާލަތުގައި ގިނަ ބަޔަކު އެއްތަންވުމަކީ އެންމެ ރައްކާތެރި ކަމަކަށް ނުވާނެކަން ރައީސް އޮފީހުން ފާހަގަކުރިއެވެ. މި ސަބަބައްޓަކައި ގިނަ ބަޔަކު އެއްތަންނުވާނެ ގޮތަކަށް މަރުހަބާގެ ކަންކަން އިންތިޒާމުކުރުމަށް ކަމާގުޅޭ ހުރިހާ އިދާރާތަކަށް އަންގާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

ތިލަދުންމަތި ދެކުނުގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނު ވަޑައިގަންނަވަން ހަމަޖައްސާފައިވަނީ ހދ. ހަނިމާދު އާއި ކުޅުދުއްފުށި އަދި ކުމުންދުއަށެވެ.

ތަރައްޤީގެ މަޝްރޫތަކުގެ އެންމެ ފަހުގެ އަދާހަމަ ބައްލަވާލައްވާ ކައުންސިލްތަކާއެކު ބައްދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ރައީސްގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ތަރައްގީގެ މަޝްރޫޢުތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުންކަމުގައިވާ އިރު، މި ސިޔާސަތު މި ދަތުރުފުޅުގެ ތެރެއިން ކުރިއަރުވާން މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް