އިއްޔެ އަތޮޅު ތެރެއިން ކޯވިޑް-19 ޕޮސިޓިވްވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ށ. ފޯކައިދޫ އާއި ރ. ދުވާފަރުން ބަލި ޖެހުނު މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ރޭ އެޗްޕީއޭއިން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން ރާއްޖެއިން އިއްޔެ 217 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ޕޮސިޓިވްވެފައިވަނީ ރިސޯޓު ތަރައްގީ ކުރަމުންދާ ރަށްފަޅު ހުރާއިންނާއި އަތޮޅު ތެރެއިންނެވެ.
އިއްޔެ ރަށްފަޅު ހުރާއިން 92 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އަދި އަތޮޅު ތެރެއިން ޕޮސިޓިވްވި 88 މީހުންގެ ތެެއިން ފޯކައިދޫއިން 31 މީހުން ޕޮސިޓިވްވެފައިވާއިރު ދުވާފަރުން 28 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ.
ޓެސްޓު ކުރަމުންދާ ނިސްބަތާއި މިހާރު ރާއްޖޭގެ ކޯވިޑްގެ ހާލަތަށް ބަލާއިރު އަތޮޅު ތެރޭގައި ޖުމްލަކޮށް ކޭސްތައް ދަށްވާތަނެއް ނުފެނެ އެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު 46 މީހުން ޕޮސިޓިވްވެފައިވާއިރު އަންގާރަ ދުވަހު 78 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ.
އެޗްޕީއޭއިން ބުނީ މަޑުމަޑުން އަތޮޅު ތެރޭގެ ކޯވިޑް ހާލަތު ރަނގަޅުވަމުން އަން ކަމަށެވެ. އެގޮތުން މިހާރު އާންމުންގެ މެދުގައި ބަލި ފެތުރޭކަމުގެ ނިޝާން ނުވަތަ ބަލި ފެތުރެމުން ދަނީ 20 ރަށެއްގައި އެވެ.
އިއްޔެގެ ނިޔަލަށް ރާއްޖެއިން ކޯވިޑް-19 ޖެހިފައިވަނީ 75،622 މީހުންނަށެވެ. އޭގެ ތެރެއިން 72.833 މީހުން ރަނގަޅުވެފައިވާއިރު ބަލީގައި މަރުވެފައިވަނީ 216 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް