ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސިއްހީ ހާލުކޮޅު ކުއްލިގޮތަކަށް ސީރިއަސްވެ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ދައުލަތުން ގާސިމް އާއި ދެކޮޅަށް އުފުލާފައިވާ ދައުވާގެ ޝަރީއަތަށް މިއަދު ވަޑައިގެންނެވުމުގެ ކުރިން އޮފީހަށް ވަޑައިގެންނަވަނިކޮށް ކުއްލިއަކަށް މެއަށް ތަދުވެ، ނޭވާލާން އުނދަގޫވެ، ބޮލުގައި ރިއްސާތީ މެންދުރެއްހާއިރުން ފެށިގެން ގާސިމް އޮންނެވީ މެޑިކާ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އެވެ. މިރޭ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ރާއްޖެއިން ބޭރަށް ގެންދިއުމަށް އެއާޕޯޓަށް ދިޔަފަހުން ޕާސްޕޯޓު ހިފަހައްޓާފައިވާތީ ނުފުރިގެންނެވެ.
އޭޑީކޭއަށް ގެންގޮސް ގާސިމްއަށް ފުރަތަމަ ފަރުވާދީފައިވަނީ އޮބްޒަވޭޝަންގައި އެވެ. ހާލު މާބޮޑަށް ސީރިއަސްވުމުން އައިސީޔޫއަށް ބަދަލު ކުރީ މިރޭ 10 ޖެހިފަހުންކަމަށް މައުލޫމާތުލިބެ އެވެ. އަދި ގާސިމްއަށް މިހާރު ފަރުވާދެމުންދަނީ އައިސީޔޫގައި ކަން އޭޑީކޭ ހޮސްޕިޓަލުން ވަނީ ޔަގީންކޮށްދީފައި އެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މިއަދު މެންދުރު ކަމަށް އެއާޕޯޓުގައި ތިއްބެވި އިމިގްރޭޝަން އޮފިސަރުން މައުލޫމާތު ދެއްވި ކަމަށެވެ. އެކަމަކު އެކަން ކުރިން އަންގާފައި ނުވާ ކަމަށާއި ގާސިމް ރާއްޖެއިން ބޭރަށް ވަޑައިގެންނަވަން ނިންމީ ކްރިމިނަލް ކޯޓުގެ ހުއްދަ އާއި އެކު ކަމަށެވެ.
ކޯޓުގެ ހުއްދައާއި އެކު ފުރަން އުޅުއްވަނިކޮށް ޕާސްޕޯޓު ހިފެހެއްޓި ސަބަބެއް އަދިވެސް ނާންގާކަމަށް ސަމީރު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް