ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނަވަން އުޅެނިކޮށް ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
ދައުލަތުން ގާސިމް އާއި ދެކޮޅަށް އުފުލާފައިވާ ޝަރީއަތަށް މިއަދު ވަޑައިގެންނެވުމުގެ ކުރިން އޮފީހަށް ވަޑައިގެންނަވަނިކޮށް ކުއްލިއަކަށް މެއަށް ތަދުވެ ބޮލުގައި ރިއްސާތީ މެންދުރެއްހާއިރުން ފެށިގެން ގާސިމް އޮންނެވީ މެޑިކާ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އެވެ. އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަން ނިންމީ ޑޮކްތަރުން އެގޮތަށް ލަފާދެއްވުމުންނެވެ.
ގާސިމްގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތްކަން އެނގުނީ މިރޭ ފުރަން އެއާޕޯޓަށް ގެންދިޔަ ފަހުންނެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މިއަދު މެންދުރު ކަމަށް އެއާޕޯޓުގައި ތިއްބެވި އިމިގްރޭޝަން އޮފިސަރުން މައުލޫމާތު ދެއްވި ކަމަށެވެ. އެކަމަކު އެކަން ކުރިން އަންގާފައި ނުވާ ކަމަށާއި ގާސިމް ރާއްޖެއިން ބޭރަށް ވަޑައިގެންނަވަން ނިންމީ ކްރިމިނަލް ކޯޓުގެ ހުއްދަ އާއި އެކު ކަމަށެވެ.
ކޯޓުގެ ހުއްދައާއި އެކު ފުރަން އުޅުއްވަނިކޮށް ޕާސްޕޯޓު ހިފެހެއްޓި ސަބަބެއް އަދިވެސް ނާންގާކަމަށް ސަމީރު ވިދާޅުވި އެވެ.
ބޭަރަށް ނުގެންދެވުމުން މިހާރު ގާސިމް ވަނީ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި އެވެ. ގާސިމް އިތުރު ފަރުވާއަށް ގެންދަން އުޅުނީ ސިންގަޕޫރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް