އުއްތަމަ ފަނޑިޔާރަށް އަދީބުގެ ދެވަނަ ސިޓީ، މިފަހަރު ނަޝީދުގެ ހުކުމާއި ގުޅޭގޮތުން!

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އަނެއްކާވެސް ސިޓީ ފުޅެއް ފޮނުއްވައިފި އެވެ. މިފަހަރުގެ ސިޓީގައި ހާމަކޮށްދެއްވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައިވަނީ ކުރީގެ ރ...

16 Jul 2017 | 10:15

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އަނެއްކާވެސް ސިޓީ ފުޅެއް ފޮނުއްވައިފި އެވެ. މިފަހަރުގެ ސިޓީގައި ހާމަކޮށްދެއްވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާއި ގުޅޭގޮތުންނެވެ.

އެ ސިޓީގައި އަދީބު ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް ހުކުމް ކުރީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރު ކުރުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރައްވަން ފެއްޓެވުމުން ކަމަށެވެ.

އެ ސިޓީގައި ވިދާޅުވެފައިވަނީ ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމް ލިޔުއްވީ ފަނޑިޔާރުން ނޫންކަމަށާއި އެ ހުކުމް ލިޔުނީ ކޮންބައެއްކަން ހާމަކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދީބު ވިދާޅުވީ ނަޝީދު ޖަލަށް ލުމަށް ފުރަތަމަ ޑްރާފްޓްކުރި ލިޔުމުގައި ވަނީ 10 އަހަރުގެ ޖަލު ހުކުމެއް ކޮށް، އެ ހުކުމް ތަންފީޒު ކުރުން ތިން އަހަރަށް ފަސްކުރުމަށެވެ. އެކަމަކު އެ ލިޔުމަށް ބަދަލު ގެނައީ ކޮންބައެއްކަން އެނގޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން ފުރުސަތު ދީފި ނަމަ ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ، އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނާއި މުޅި އަދުލު އިންސާފުގެ ދާއިރާ އަށް ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ހުކުމެއްކަން ސާބިތުވާނެ މައުލޫމާތު ދެއްވާނެ ކަމަށެވެ. އެފުރުސަތު ދިނުމުގެ އިހްތިޔާރު ސުޕްރީމް ކޯޓަށް އެބައޮތް ކަމަށްވެސް އަދީބު ވިދާޅުވެފައިވެ އެވެ.

އަދީބުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މިދިޔަ މަހު ފުރަތަމަ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިގެ މައުލޫމާތު  ވަރަށް ރަނގަޅަށް އެނގިވަޑައިގެންނަވާ ކަމަށާއި އެ ފިސްތޯލައިގެ މައުލޫމާތު ނާޒިމްއަށް ނޭނގޭނެ ކަމަށެވެ. އަދީބުގެ އެ ސިޓީގައިވެސް އެދިވަޑައިގެންފައިވަނީ އަލުން އެ މައްސަލަ ބެލުމަށާއި ނާޒިމްގެ ކުށެއް ނެތްކަން ސާބިތުކޮށްދިނުމުގެ ފުރުސަތު އަދީބަށް ދިނުމަށެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރައީސް ނަޝީދުގެ ވެރިކަމުގައި ހައްޔަރު ކުރި މައްސަލައިގަ ޓެރަރިޒަމްގެ ދައުވާ އުފުލައި ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 13 އަހަރަށް ނަޝީދު ޖަލަށް ލުމަް ހުކުމް ކުރީ 2015 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް