އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންނަށް އަލިފާނުން ރައްކާތެރިވެ ހޭލުންތެރިވުމަށް ޕްރޮގްރާމެއް ހިންގައިފިއެވެ.
ވިލިމާލޭގައި ހުންނަ ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުގައި މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 66 މުވައްޒަފުން ބައިވެރިވެފައިވާކަމުގައި އެމްއެންޑީއެފުން ވިދާޅުވި އެވެ.
އެމްއެންޑީއެފުން ވިދާޅުވީ މި ޕްރޮގްރާމަކީ ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށާއި މިފަދަ ހާދިސާއެއް ހިނގައިފިނަމަ ހަރަކާތެރިވާނެ ގޮތްތައް ދަސްކޮށްދީ ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު ޕްރޮގްރާމެއް ކަމަށެވެ. މިގޮތުން، އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ރޯވެއްޖެނަމަ ޢަމަލުކުރަންޖެހޭ ގޮތްތަކާއި، އަލިފާން ނިވިއާއި ބެހޭ މަޢުލޫމާތު ދިނުމުގެ އިތުރުން، ރޯވެފައިވާ އަލިފާން ނިއްވާލުމުގެ ޢަމަލީ ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މި ޕްރޮގްރާމްގައި ކިޔަވައިދެއްވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުގައި މަސައްކަތްކުރާ ސިފައިން ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް