ދިގު އިންތިޒާރެއްގެ ނިމުން، ގޭމް އޮފް ތްރޯންސް ސީޒަން ހަތެއް މާދަމާ ފަށާނެ

ދިގު އިންތިޒާރަކަށްފަހު، އެޗްބީއޯގެ މަޤުބޫލު ޓީވީ ސީރީޒް ގޭމް އޮފް ތްރޯންސް ސީޒަން ހަތެއްގެ ފުރަތަމަ އެޕިސޯޑު މާދަމާ ދައްކާނެ އެވެ. ގޭމް އޮފް ތްރޯންސްގެ އޮފިޝަލް ޔޫޓިއުބް ޗެނަލްގައި މިހާރުވަނީ އެ ސިލް...

16 Jul 2017 | 02:18

ދިގު އިންތިޒާރަކަށްފަހު، އެޗްބީއޯގެ މަޤުބޫލު ޓީވީ ސީރީޒް ގޭމް އޮފް ތްރޯންސް ސީޒަން ހަތެއްގެ ފުރަތަމަ އެޕިސޯޑު މާދަމާ ދައްކާނެ އެވެ.

ގޭމް އޮފް ތްރޯންސްގެ އޮފިޝަލް ޔޫޓިއުބް ޗެނަލްގައި މިހާރުވަނީ އެ ސިލްސިލާގެ ޕްރީކެޕް އެއްވެސް ޝާއިޢުކޮށްފަ އެވެ. އެ ޕްރީކެޕްގައި ގޭމް އޮފް ތްރޯންސް ސީޒަން އެކަކުން ފަށައިގެން ސީޒަން ހަޔަކާއި ހަމައަށް ހިނގާފައިވާ ހުރިހާކަމެއްގެ ކުޑަ ހުލާސާއެއް ގެނެސްދީފައިވެ އެވެ.

ހަތް ކޮއިލުގެ ރަސްކަމުގެ ބޭނުމުގައި ބަޔަކު ކުރާ ހަނގުރާމަ ދައްކުވައިދޭ އެ ސިލްސިލާގެ މި ސީޒަންގައި އެހެން ސީޒަންތަކާއި ޙިލާފަށް ޖުމްލަ ހިމެނޭނީ އެންމެ ހަތް އެޕިސޯޑެވެ. ނަމަވެސް މި ސީޒަންގެ އެޕިސޯޑުތަކުގެ ދިގުމިން އެހެން ސީޒަންތަކު އެޕިސޯޑުތަކަށްވުރެ ދިގުވާނެ އެވެ. މި ސީޒަންގައި ހިމެނޭ އެންމެ ދިގު އެޕިސޯޑުގެ ދިގުމިނަކީ 81 މިނެޓެވެ. މާދަމާ ދައްކާ ފުރަތަމަ އެޕިސޯޑުގެ ދިގުމިނަކީ 61 މިނެޓެވެ.

މިހާތަނަށް ރިލީޒްކޮށްފައިވާ ގޭމް އޮފް ތްރޯންސްގެ ޓްރެއިލާތަކުން އެނގޭގޮތުގައި ބެލުންތެރިން ކެއްމަދުވެފައި ތިބި ގޭމް އޮފް ތްރޯންސްގެ ބޮޑު ހަނގުރާމަ (ވިންޓަރ ވާރ) މި ނިކުންނަ ސީޒަންގައި ފެށިގެންދާނެ އެވެ.

ޓްރެއިލާތަކުން ފެންނަ ގޮތުގައި މިހާރު ހަތް ކޮއިލުގެ މައްޗަށް ރަނިކަންކުރާ ސާރސީ ލެނިސްޓާރ (ލީނާ ހޭޑޭ) އާއި، އުތުރުގެ ރަސްގެފާނު ޖޯން ސްނޯ (ކިޓް ހެރިގްޓަން) ހަނގުރާމައަށް އެ މީހުންގެ ލަޝްކަރުތައްދަނީ ތައްޔާރުކުރަމުންނެވެ. އަދި ޑްރެގަން ކުއީން، ރާނީ ޑެނޭރިއަސް ޓާރގޭރިއަން (އެމިލިއާ ކްލާރކް)، އޭނާއަށް ޙައްޤުވާކަމަށް ޤަބޫލުކުރާ ހަތް ކޮއިލުގެ ތަހުތައް ވެރިވުމަށް އޭނާގެ ލަޝްކަރާއެކު ވެސްޓޮރޮސްއަށް އާދެ އެވެ.

މިފަހަރުގެ ސީޒަންގައި މަޝްޙޫރު އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަންވެސް ފެނިގެންދާނެ އެވެ. އެ ޚަބަރު ގޭމް އޮފް ތްރޯންސްގެ ކޯ-ކްރިއޭޓާރ ޑޭވިޑް ބެނިއޮފްވަނީ ކަށަވަރުވެސް ކޮށްދީފަ އެވެ. ނަމަވެސް އެނާ ފެނިގެންދާނީ ވަކި ކޮން ރޯލަކަންކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ސީޒަން ހަތެއް ނިކުންނަ ތާރީޚު މިހާ ދިގުލައިގެންދިޔައީ ޕްރޮޑަކްޝަން ޝެޑިއުލް ދިގުލައިގެން ދިއުމުގެ ސަބަބުންނެވެ.

ގޭމް އޮފް ތްރޯންސްގެ އައު އެޕިސޯޑު ނިކުންނާނީ ރާއްޖެ ގަޑިން މާދަމާ ހެނދުނު ހައެއް ޖަހާއިރު އެވެ.

ކޮންމެއަކަސް ގޭމް އޮފް ތްރޯންސްގެ ފޭނުންނަށް މާދަމާއަކީ ބޮޑު ދުވަހެވެ. އެތައް ދުވަހެއްގެ ދިގު އިންތިޒާރު އެންމެފަހުން ނިމުނީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް