މިއީ އިންޑިއާގެ ޕަންޖާބުގެ ރައްޔިތެއް ކަމަށްވާ ކަޝްމީރީ ލާލް އަށް އަންގާރަ ދުވަހު ދިމާވި ހާދިސާއެކެވެ. ދިއްލީ އެއާޕޯޓުން މުމްބާއީ އެއާޕޯޓަށް ދިއުމަށްފަހު "ޖެޓް އެއާވޭސް"ގެ ފްލައިޓަށް އެރީ ކުވައިތަށް ދިއުމަށެވެ. ލޭބަރު މަސައްކަތް ކުރުމަށެވެ. ނަމަވެސް ދެވުނީ ލަންކާއަށްކަން ލާލް އަށް ރެއަކާލީ ލަންކާ އެއާޕޯޓުން ލަންކާގެ ދިދަ ފެނުމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ "ޖެޓް އެއާވޭސް" ސްޓާފުންގެ އިހުމާލުންނެވެ. ފްލައިޓަށް އެރުމަށް ލާލްއަށް ދެވުނީ ނުބައި ގޭޓަކަށެވެ. ފްލައިޓަށް އެރުމުގެ ކުރިން ބޯޑިން ޕާސް ޗެކް ކުރުމަކީ އެއާލައިންގެ މުވައްޒަފުންގެ ޒިންމާއަކަށްވާއިރު އެކަމުގައި މުވައްޒަފު ފެއިލްވީ އެވެ.
އަނެއްކޮޅުން ލާލުގެ އާއިލާ ކުއްލިހާލަތަށް އައީ ކުވެއިތުގައި ލާލްގެ އިންތިޒާރުގައި ހުރިމީހާ، ލާލް ނާންނަ ވާހަކަ ލާލުގެ އާއިލާއަށް އެންގުމުންނެވެ. އާއިލާއަށް ލާލްއާ ގުޅޭގޮތެއްވެސް ނުވި އެވެ.
އެއާލައިނަށް ގޯހެއް ހެދުނުކަން އެނގުނީ ވާނެ ހައެއްޗެއްވެ ނިމުނު ފަހުންނެވެ. އެއާލައިނުންވަނީ ލާލްއާއި އާއިލާގެ ކިބައިން މައާފަށްއެދި ލާލް ދާން ބޭނުންވާ މަންޒިލަށް ފޮނުވައިދީފަ އެވެ. ނަމަވެސް ލާލްއަށް ކުވެއިތަށް ދެވުނީ 17 ގަޑިއިރު ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް