ކުވެއިތުން ވައުދުވި ގޮތަށް މިސްކިތުގައި ބޮމުގެ ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް

މިދިޔަ މަސްތެރޭގައި ކުވެއިތުގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 27 މީހަކު މަރުވެފައިވާއިރު އެ މައްސަލައިގާ 29 މީހެއްގެ މައްޗަށް ދައުވާކުރުމަށް ތައްޔާރުވަމުން އަންނަކަމަށް އެގައުމުން ބުނެފި އެވެ...

16 Jul 2015 | 01:51

މިދިޔަ މަސްތެރޭގައި ކުވެއިތުގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 27 މީހަކު މަރުވެފައިވާއިރު އެ މައްސަލައިގާ 29 މީހެއްގެ މައްޗަށް ދައުވާކުރުމަށް ތައްޔާރުވަމުން އަންނަކަމަށް އެގައުމުން ބުނެފި އެވެ.

އެ ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލާފައިވާއިރު އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނީ މި މައްސަލައިގާ ދައުވާކުރާ 29 މީހުންގެ ތެރެއިން ހަތް މީހުންނަކީ ކުވެއިތު ރައްޔިތުން ކަމަށާއި ބާކީ 13 މީހުންނަކީ އެކި ގައުމުތަކަށް ނިސްބަތްވާ މީހުން ކަމަށެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއާ އަދި ޕާކިސްތާނަށް ނިސްބަތްވާ މީހުން ހިމެނެ އެވެ.

އެމީހުންގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ބޮންގޮއްވުމާއި ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް ޖަމާއަތަކާއި ގުޅުމުގެ ދައުވާ ހިމެނެވެ އެވެ.

އެ ހަމަލާގައި ޖާނުންފިދާވި މީހާގެ މައުލޫމާތު ކުވެއިތުގެ އޮފިޝަލުން ކުރިން ވަނީ ހާމަކޮށްފަ އެވެ. އެއީ ފަހަދު ސުލެއިމާން އަބްދުލް މުހިސިން އަލް ގަބާ ކިޔާ މީހެކެވެ. އޭނާ ކުވެއިތަށް އެތެރެވީ ބޮން ގޮއްވާލުމުގެ ދެތިން ގަޑިއިރު ކުރިން ކަމަށްވެސް އޮފިޝަލުން ބުނެ އެވެ.

ޖޫން 26 ވަނަ ދުވަހު ކުވެއިތުގެ ވެރިރަށުގެ މިސްކިތެއްގައި ހުކުރުނަމާދަށް ތިއްބާ މީހަކު ޖާނުންފިދާވެ ދިން ބޮމުގެ ހަމަލާގައި 27 މީހަކު މަރުވެ 200 އަށްވުރެ ގިނަ މީހުން ޒަހަމްވި އެވެ.

ބޮމުގެ ހަމަލާދިންތާ ހަފްތާއެއްގެ ތެރޭގައި ކުވެއިތުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ހަމަލާދިން ފަރާތްތައް ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް