އީރާނުގެ ނިއުކްލިއާ މައްސަލައިގާ 12 އަހަރަށްފަހު އެއްބަސްވުމަކަށް އާދެވިފައިވާއިރު އެ އެއްބަސްވުމާއިމެދު އެމެރިކާގެ ރައީސް ބަރަކް އޮބާމާ، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާ މަޝްވަރާ ކުރައްވައިފި އެވެ.
ވައިޓްހައުސްއިން ހާމަކޮށްފައިވާގޮތުގައި އޮބާމާ، ރަސްގެފާނާ މަޝްވަރާކުރައްވާފައިވަނީ އެއާފޯސް ވަންގައި ހުންނަވާ ފޯނުން ގުޅުއްވައިގެންނެވެ.
މި މަޝްވަރާގެ ވާހަކަ ސައުދީ ބައެއް ނޫސްތަކުގައި ގެނެސްދީފައިވާއިރު އީރާނާއެކު ގާތް، ރަނގަޅު ގުޅުމެއް ބާއްވަން ސައުދީން އަބަދުވެސް މަސައްކަތްކުރަމުން އަންނަ ކަމަށާއި އަދި މި އެއްބަސްވުމުގެ ސަބަބުން ގުޅުން އިތުރަށް ބަދަހި ކުރެވޭނެކަމުގައި ސައުދީ ރަސްގެފާނު އޮބާމާ އަރިހުގައި ވިދާޅުވިކަމަށް ވެ އެވެ.
ނިއުކްލިއާ މައްސަލައިގައި އެއްބަސްވުމަކަށް އާދެވިފައިމިވަނީ ޕީ5 + 1 ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ މެދުގައި ، ހުއްޓުމެއްނެތި 18 ދުވަސްވަންދެން ކުރެވުނު މަޝްވަރާތަކައްފަހުގައެވެ. އީރާނާއިއެކު ބޭއްވި މި މަޝްވަރާތަކުގައި ބައިވެރިވި ގައުމުތަކަކީ އެމެރިކާ، ޔޫކޭ، ފްރާންސް، ޗައިނާ، ރަޝިޔާގެ އިތުރުން ޖަރުމަނެވެ.
އެއްބަސްވެވިފައިވާ މުހިންމުކަންކަމުގެ ތެރޭގައި އިރާންގެ އަސްކަރީ މަރުކަޒުތައް އަދި ޝައްކު ކުރެވޭ ތަންތަން ބަލާ ފާސްކުރެވޭނެ ގޮތް އީރާންއިން އައި.އީ.އޭ.އީ އަށް ހަމަޖައްސައިދިނުމާއި އީރާންއަށް ނިއުކްލިޔާ ހަކަތަ އުފެއްދޭނެ ވަކި މިންގަނޑުތަކެއްކަނޑައެޅުން ހިމެނެއެވެ. ބަދަލެއްގެ ގޮތުގައި އީރާންއާއި ދެކޮޅަށް ގައުމުތަކުން އަޅާފައިވާ ވިޔަފާރީގެ އަދި ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް