އިޒްރޭލު ޖަލުގައި މެދުކެނޑުމެއްނެތި 56 ދުވަހު ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއްކޮށް، ހާލު ދެރަވެ ހޮސްޕިޓަލްގައި އެޑްމިޓް ކުރުމާއެކު އިންސާނީ ހައްގުތަކާބެހޭ ޖަމިއްޔާތަކުން ފިއްތުންތަށް ކުރިމަތިކުރުމުން އޭނާ މިނިވަން ކުރުމަށްފަހު ބަހަނާތަކެއް ދައްކައި، އަނެއްކާވެސް ޚާދަރު ހައްޔަރުކޮށްފި އެވެ.
އަދުނާނު ހައްޔަރުކުރުމަށްފަހު މިފަހަރު އިޒްރޭލުން ބުނެފައިވަނީ އޭނާ ހައްޔަރުކުރީ ގުދުސްގެ ބިމަށް ވަނުމުން ކަމަށެވެ. ގުދުސްގެ ބިމަށް ވަދެވޭނީ ކަނޑައަޅާފައިވާ އުސޫލުގެ މަތިން 50 އަހަރުން މަތީ މީހުންނަށް އެކަނި ކަމަށެވެ. އަދުނާނުގެ އުމުރަކީ 37 އަހަރެވެ.
އަދުނާނު މި ފަހަރު ހައްޔަރުކުރިކަން ބައިނަލްއަގްވާމީ މީޑިއާއަށް ތިލަވުމާއެކު އިޒްރޭލުން ބުނެފައިވަނީ މި ފަހަރު ހައްޔަރުކުރީ ދާއިމީ ގޮތަކަށް ނޫންކަމަށެވެ. މައްސަލަ ތަހުގީގު ކުރުމަށްފަހު ދޫކޮށްލާނެ ކަމަށެވެ.
އިޒްރޭލުން އަދުނާނު މިނިވަން ކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ދޫކޮށްލަން މަޖުބޫރުވީ މެދުކެނޑުމެއްނެތި 56 ދުވަސް ވާންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރުމުގެ ސަބަބުން އަދުނާނުގެ ފުރާނައަށް ނުރައްކާވެ، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން އިޒްރޭލަށް ފިއްތުންތައް ކުރިމަތިކުރަން ފެށުމުންނެވެ.
އަދުނާނަކީ ގިނަބައެއްގެ ތާއީދު އޮންނަ އެކްޓިވިސްޓެކެވެ. މީގެ ކުރިން އިޒްރޭލުން 10 ފަހަރު އަދުނާނު ހައްޔަރުކޮށްފައި ވެ އެވެ. ހައްޔަރުކޮށްފައި ބަހައްޓަނީ އެއްވެސް ދައުވާއެއް ކުރުމެއްނެތި އެވެ.
އަދުނާނު ވަނީ 2012 ވަނަ އަހަރުވެސް ދިގުދެމިގެންވާ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރިއަށް ގެންގޮސްފަ އެވެ. އެފަހަރުވެސް އިޒްރޭލުން އަދުނާނު ދޫކޮށްލީ އިތުރުގޮތެއް ނެތިގެންނެވެ.
އަދުނާނުމެންފަދަ އެކްޓިވިސްޓުން ދާއިމީ ގޮތަކަށް ޖަލުގައި ބޭތިއްބުމަށްޓަކައި އިޒްރޭލުންވަނީ ގައިދީންނަށް ގަދަބާރުން ކާންދިނުމާބެހޭ އިސްލާހެއް އެގައުމުގެ ގާނޫނަށް ގެނެސްފަ އެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުގެ ފިއްތުންތަކާހުރެ އެ އިސްލާހަށް އަދި އަމަލުކުރާން ފަށާފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް