އިސްރާއީލުގެ ސިފައިން އީރާނުގެ ވެރިރަށް ޓެހްރާންގެ ބައެއް ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް، ރޭވިފައިވާ ވައިގެ ޙަމަލާތަކުގެ ކުރިން އެ ސަރަޙައްދުތައް ދޫކޮށް ދިއުމަށް އިންޒާރުދީފިއެވެ. ސޯޝަލް މީޑިއާގައި ފާރިސީ ބަހުން ޝާއިޢުކޮށްފައިވާ މި އިންޒާރުގައި ބުނެފައިވަނީ، އިސްރާއީލުން އެ ސިޓީގައި ހުރި އަސްކަރީ ތަންތަނަށް ޙަމަލާދޭނެ ކަމަށެވެ.
މިއީ، އާދީއްތަ ދުވަހު ފަތިހު އީރާނުން އިސްރާއީލަށް އިތުރު މިސައިލް ޙަމަލާތަކެއް ދިނުމާ ގުޅިގެން ދޭން އުޅޭ ހަމަލާއެކެވެ. މި ޙަމަލާތަކުގައި މަދުވެގެން 8 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވެއެވެ. މިއީ ދެ ޤައުމުގެ މެދުގައި ހަމަލާ ބަދަލުކުރުން އިތުރުވަމުން އަންނަތާ ހަތަރުވަނަ ދުވަހެވެ.
މި ހަނގުރާމަ ފެށުނީ، އިސްރާއީލުން ޓެހްރާންގެ ނިއުކްލިއަރ ޕްރޮގްރާމާ މެދު ކަންބޮޑުވުން ފާޅުކޮށް، އީރާނަށް ކުއްލި ޙަމަލާތަކެއް ދިނުމުންނެވެ. އޭގެ ފަހުން، ދެ ފަރާތުން ވެސް އެއްގައުމު އަނެއް ގައުމަށް ޙަމަލާ ދެމުން ގޮސްފައިވެއެވެ. އަދި އީރާނުން ތުހުމަތުކުރަނީ، އިސްރާއީލުން ތެޔޮ ރިފައިނަރީތަކަށް ބޮންއެޅުމާއި، އިންޓެލިޖެންސްގެ އިސް ކޮމާންޑަރެއް މެރުމާއި، އާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކަށް ޙަމަލާދިން ކަމަށެވެ.
މި ހަނގުރާމަ އިތުރަށް ފުޅާވެ، ސަރަޙައްދީ ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރުވެރިކަން އިތުރުވަމުންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް