ލޯކަލް ކައުންސިލްތަކުގައި ތިއްބަވާ ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.
ގަރާރުގައި ވިދާޅުވެފައިވަނީ ފާއިތުވި ފަނަރަ އަހަރު ލޯކަލް ކައުންސިލްގެ ހަތަރު އިންތިހާބެއް ބޭއްވި އެތަކެއް ހާސް ކައުންސިލަރުންނެއް އިންތިހާބުކޮށް، އެތަކެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާކަމަށާއި ނަމަވެސް އެ ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލަކާއި ފަސޭހައެއް ފެންނަން ނެތްކަމަށެވެ.
އަދި އެ ނިޒާމު ހިންގުމަށް ކުރަމުން އަންނަ ހޭދައަކީ ވެސް ފުންކޮށް ވިސްނާލަންޖެހޭ ކަމެއް ކަމަށް ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައިވެއެވެ.
"މިހާތަނަށް ކުރެވުނު ދިރާސާތަކުން ވެސް، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ކައުންސިރަލުންގެ އަދަދާމެދު، ކުދިކުދި ރަށްތަކުގައި ވެސް ފަސް ކައުންސިލަރުން ތިބެންޖެހުމަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް އިސްލާހުތައް ބޭނުންވާ ކަންކަން" ޝުޖާއު ވިދާޅުވެފައި ވެއެވެ.
ހަމައެހެންމެ އާބާދީ ކުޑަނަމަވެސް ކޮންމެ ރަށަކަށް، މަދުވެގެން ފަސް ކައުންސިލަރުން އިންތިހާބުކޮށް މުސާރައަށް ބޮޑު ހޭދައެއް ކުރާއިރު މިއީ މިކަން އޮންނަންޖެހޭ ގޮތްތޯ ސުވާލު އުފެދޭ ކަމަށް އެ ގަރާރުގައި ވަނީ ވިދާޅުވެފައެވެ.
މި ނިޒާމުގައި ދެކޮޅުނުޖެހޭ އެތައް ކަމެއް ހިނގަމުން އަންނަކަން ފާހަގަކުރައްވާ ޒިންމާތަކާއި އާބާދީތައް ބޮޑު ރަށްތަކާއި، މީހުން މަދު އަދި ކުރާނެ މަސައްކަތްތައް ވެސް މަދު ކުޑަ ރަށުގެ ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތައް އެއްވަރު ކަމަށްވެސް އެ ގަރާރުގައި ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް