ހޯމަ ދުވަހުގެ ފަތިހު އިރާނުން އިސްރާއީލުގެ މެދުތެރެއަށް އަމާޒުކޮށް ދިން މިސައިލް ހަމަލާއެއްގައި 4 މީހުން މަރުވެ، އިތުރު 87 މީހުން ޒަޚަމްވެއްޖެކަމަށް ކުއްލި ނުރައްކަލުގެ ޚިދުމަތްތަކުން ބުނެފިއެވެ.
އިސްރާއީލުގެ މާގެން ދާވިދް އަދޯމް (އެމްޑީއޭ) ކުއްލި ނުރައްކަލުގެ ޚިދުމަތުން ކަށަވަރުކޮށްދިން ގޮތުގައި މަރުވި މީހުންގެ ތެރޭގައި ދެ އަންހެނުންނާއި ދެ ފިރިހެނުން ހިމެނެއެވެ. އަދި މި ހުރިހާ މީހުންނަކީވެސް 70 އަހަރު ގާތްކުރާ އުމުރުގެ މީހުންނެވެ. މިސައިލްތައް އެ ސަރަހައްދުގެ މަދުވެގެން 4 ތަނަކަށް އަމާޒުވިއެވެ. ސަލާމަތީ ޓީމުތަކުން ޒަޚަމްވި އެތައް ރައްޔިތުންނެއް ކައިރީގައި ހުރި ހޮސްޕިޓަލްތަކަށް ގެންދިޔައެވެ.
މިއީ އިރާނާއި އިސްރާއީލާ ދެމެދު ސީދާ ހަނގުރާމައިގެ ޙާލަތު ފެށުނު ފަހުން އިސްރާއީލުން އެންމެ ގިނަ މީހުން މަރުވި އެއް ހަމަލާއެވެ. މި ހަނގުރާމަވެރި ޙާލަތު ގޯސްވެގެން ދިޔައީ ފާއިތުވި ހަފްތާގައި އިސްރާއީލުން "އޮޕަރޭޝަން ރައިޒިންގ ލަޔަން" ފެށުމާ ގުޅިގެންނެވެ. މި އޮޕަރޭޝަނުގައި އިރާނުގެ މުހިންމު ނިއުކްލިއަރ ފެސިލިޓީތަކާއި އަސްކަރީ ލީޑަރޝިޕްއަށް އަމާޒުކުރެވުނެވެ. މީގެ ތެރޭގައި ޓެހެރާންގައި ހުރި އިރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ޤުދްސް ފޯސްގެ މައި މަރުކަޒުވެސް ހިމެނެއެވެ.
ހޯމަ ދުވަހުގެ ބަދަލު ހިފުމުގެ ހަމަލާއަކީ "ކާމިޔާބު" އޮޕަރޭޝަނެއްކަމަށް އިރާނުން ބުނެފައިވެއެވެ. އަދި ޓެލް އަވީވްގައި ހުރި އަމާޒުތަކަށް ސީދާ ހަމަލާދެވުނު ކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ދެމުންދާ ބަދަލު ހިފުމުގެ ހަމަލާތަކުގައި ޓެހެރާންގައި ހުރި އިތުރު އަޝްކަރީ އިރާނުގެ މަރުކަޒުތަކަށް ހަމަލާދެވުނު ކަމަށެވެ.
ދުނިޔޭގެ ބާރުގަދަ ޤައުމުތަކުން ދެ ފަރާތަށްވެސް އިލްތިމާސްކޮށްފައިވަނީ ހަމަޖެހުމަށެވެ. ނަމަވެސް އިރާނުން އަދި އިސްރާއީލުންވެސް މި ހަނގުރާމަވެރި ޙާލަތު މަޑުޖައްސާލުމުގެ އެއްވެސް ނިޔަތެއް އޮތްކަމުގެ އިޝާރާތެއް ދީފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް