އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާދީއްތަ ދުވަހު ބުނެފައިވަނީ އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އީރާނުގެ ވެރިކަން ބަދަލުވެދާނެ ކަމަށެވެ. ފޮކްސް ނިއުސްއަށް ވާހަކަދައްކަމުން، ނެތަންޔާހޫ ބުނީ އީރާނުގެ ވެރިކަމަކީ "ވަރަށް ބަލިކަށި" ވެރިކަމެއް ކަމަށާއި، އިސްރާއީލުން އެ ޤައުމުގެ "ވުޖޫދީ ނުރައްކަލެއް" ކަމަށް އީރާނު ސިފަކޮށް، އެގައުމު ނައްތާލުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
މިހެން ބުނެފައިމިވަނީ އިސްރާއީލުން "އޮޕަރޭޝަން ރައިޒިންގ ލަޔަން" ގެ ނަމުގައި ކުރިއަށްދާ ހަނގުރާމައިގެ ތެރެއިންނެވެ. މި ހަނގުރާމަ ފެށުނީ ހުކުރު ދުވަހުގެ ހެނދުނު އީރާނުގެ ނިއުކްލިއަރ ތަންތަނާއި އިސް އަސްކަރީ ވެރިންނަށް އެއްވެސް އިންޒާރެއް ނެތި ދިން ހަމަލާއަކާ އެކުގައެވެ. އިސްރާއީލުގެ ސަރުކާރުން ބުނާ ގޮތުގައި މި ހަމަލާގައި އީރާނުގެ އިސް އޮފިޝަލުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި އައިއާރުޖީސީގެ އިންޓެލިޖެންސް އޯގަނައިޒޭޝަންގެ އިސްވެރިޔާ މުޙައްމަދު ކާޒިމީ އާއި އޭނާގެ ނައިބު ހިމެނެއެވެ.
ހަނގުރާމަ ކުރިއަށް ދަނިކޮށްނެތަަންޔާހޫ އީރާނުގެ ރައްޔިތުންނަށް ގޮވާލާފައިވަނީ އެގައުމުގެ ވެރިކަމާ ދެކޮޅަށް ތެދުވުމަށެވެ. ނެތަންޔާހޫ މިހެން ބުނެފައިވަނީ އެގައުމުގައި ފިތުނަ ފަސާދައާއި ހަމަނުޖެހުން ހިންގުމަށް މަގުފަހިކުރުވުމަށެވެ.
"އަހަރުމެން ނަޓަންޒްގައި ހުރި މައި އެންރިޗްމަންޓް ފެސިލިޓީ ހަލާކުކޮށްލައިފިން،" ނެތަންޔާހޫ ބުންޏެވެ. އެއީ އީރާނުގެ މައި ޔުރޭނިއަމް ޕްރޮސެސިންގ ސައިޓަށް އިޝާރާތްކުރަމުންނެވެ. އިސްރާއީލުގެ ޕައިލެޓުން އީރާނުގެ އެކި ކަންކޮޅުތަކުގައި ހުރި އަސްކަރީ އަދި ނިއުކްލިއަރ ތަންތަނަށް ހަމަލާދެމުންދާ ކަމަށް ނެތަންޔާހޫ ކަށަވަރުކޮށްދިނެވެ.
އިސްރާއީލުން ބުނާ ގޮތުގައި މި ހަމަލާތަކުގެ މަޤްޞަދަކީ އީރާނުގެ ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމްތައް ނައްތާލުމެވެ. ނަމަވެސް ނެތަންޔާހޫ ޤަބޫލުކުރާ ގޮތުގައި އީރާނުގެ ވެރިކަން ވެއްޓުމަކީ ވެސް މީގެ ސަބަބުން ވެދާނެ ކަމެކެވެ. "އަހަރުމެންގެ ދެ މަޤްޞަދު ޙާޞިލުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް އަޅުގަނޑުމެން ތައްޔާރަށް މި ތިބީ. އެއީ ނިއުކްލިއަރ ނުރައްކާ އަދި ބެލިސްޓިކް މިސައިލްގެ ނުރައްކާ ނައްތާލުމެވެ." އޭނަ ބުންޏެވެ.
ނެތަންޔާހޫ އިތުރަށް ބުނެފައިވަނީ މި ހަމަލާތަކަކީ ހަމައެކަނި އިސްރާއީލް ދިފާޢުކުރުމަށް ދޭ ހަމަލާތަކެއް ނޫން ކަމަށެވެ. އެއީ މުޅި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދޭ ހަމަލާތަކެއް ކަމަށެވެ.
އީރާނުން އިސްރާއީލުގެ ހަމަލާތަކަށް ވަރުގަދައަށް ޖަވާބުދީފައިވެއެވެ. އަދި "ނަރަކައިގެ ދޮރުތައް ހުޅުވާލާނެ" ކަމަށް ބުނެފައިވެއެވެ. މި ހަމަލާތަކުގައި މިހާރުވެސް ގިނަ އަދަދެއްގެ މީހުން މަރުވެފައިވެއެވެ. އަދި މުޅި މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އިތުރުވެފައިވެއެވެ. އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން އީރާނާއި އެމެރިކާއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ނިއުކްލިއަރ މަޝްވަރާތައް ވަނީ ކެންސަލްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް