ޙައްޖު 1445: ހޫނު އިންތިހާއަށް ގަދަ، ދެ ޤައުމަކުން 19 ޙައްޖުވެރިއަކު ނިޔާވެއްޖެ - 17 ޙައްޖުވެރިއަކު ގެއްލިގެން ހޯދަނީ

މި އަހަރުގެ ޙައްޖުގެ އަޅުކަމުގެ ތެރޭގައި އިރާނާއި އުރުދުން ހިމެނޭހެން ދެ ޤައުމަށް ނިސްބަތްވާ ޙައްޖުވެރިން ނިޔާވި އަދަދު 19 އަށް އަރައިފިއެވެ. އެގޮތުން އީރާނުގެ ރެޑްރެކްސެންޓުގެ ތަރުޖަމާނު ޕީރްހޮސައިން...

16 Jun 2024 | 18:32

މި އަހަރުގެ ޙައްޖުގެ އަޅުކަމުގެ ތެރޭގައި އިރާނާއި އުރުދުން ހިމެނޭހެން ދެ ޤައުމަށް ނިސްބަތްވާ ޙައްޖުވެރިން ނިޔާވި އަދަދު 19 އަށް އަރައިފިއެވެ.

އެގޮތުން އީރާނުގެ ރެޑްރެކްސެންޓުގެ ތަރުޖަމާނު ޕީރްހޮސައިން ކޫލިވަންދު ބުނެފައިވަނީ އީރާނަށް ނިސްބަތްވާ ފަސް މީހަކު ނިޔާވެފައިވާކަމަށެވެ. ނަމަވެސް ސަބަބު ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް އެހެން ބައެއް މަސްދަރުތަކުން ބުނެފައިވާގޮތުގައި އެ މީހުންނަކީ ގަދަ ހޫނުގައި "ހީޓް ސްޓްރޯކް" ޖެހުމުގެ ސަބަބުން ނިޔާވި ޙައްޖުވެރިން ކަމަށެވެ.

މީގެ އިތުރުން ޢުރުދުންގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމަށް ނިސްބަތްވާ 14 ޙައްޖުވެރިއަކު ނިޔާވެފައިވާކަމަށާއި 17 ޙައްޖުވެރިއަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ. ނިޔާވި މީހުންގެ ތެރެއިން ހަ މީހަކު ނިޔާވެފައިވަނީ ގަދަ ހޫނުގެ ސަބަބުންކަމަށް ބުނެފައިވެއެވެ.

ގެއްލިފައިވާ 17 ޙައްޖުވެރިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ބުނެފައިވެއެވެ.

މިއަދު މައްކާގެ ހޫނުމިން 48 ޑިގްރީ ސެލްސިއަސް އަށް އެރިއެވެ. ސަޢޫދީން ބުނެފައިވާގޮތުގައި އެންމެ ހޫނުގަދަ ވަގުތުތަކުގައި އެވްރެޖް ގޮތެއްގައިވެސް ހޫނުމިން 44 ޑިގްރީ ސެލްސިއަސްގައި ހުރެއެވެ.

ގަދަ ހޫނުގެ ސަބަބުން ބަޔަކު ނިޔާވެފައިވާއިރު އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް ސަޢޫދީގެ އޮފިޝަލަކު މަޢުލޫމާތުދެމުން ބުނެފައިވަނީ ހޫނާއި ގުޅިގެން އެކި ފަރުވާ ހޯދާފައިވާ އަދި ހޯދަމުން އަންނަ މީހުންގެ ޖުމްލަ އަދަދު އުޅެނީ 10 ހާހުން މަތީގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް