ދުވަސްތަކަކަށްފަހު މާލެ ސަރަހައްދުގައި މާރާމާރީގެ ސިލްސިލާތަކެއް ރޭގައި ބަޔަކު ފަށައިފިއެވެ.
އެގޮތުން އެންމެ ފުރަތަމަ މާރާމާރީ ހިންގާފައިވަނީ ރޭގެ ވަގުތެއްގައި ދަރުބާރުގެ ސަރަހައްދުގައެވެ.
ފުލުހުން ރޭގައި ބުނެފައިވާގޮތުގައި ރޭގެ 10:30 ހާއިރު ހިންގި އެ މާރާމާރީގައި ޒަޚަމްވި އެކަކު ސެނަހިޔާއަށް ގެންގޮސްފައިވެއެވެ. ރޭގައި ދެމީހަކު ހައްޔަރުކުރިކަމަށްވެސް ފުލުހުން ބުންޏެވެ.
ފުރަތަމަ މާރާމާރީއާއި ގުޅިގެން އިތުރު ދެމީހަކު ހިމެނޭހެން އެކު ޖުމްލަ ހަތަރު މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން މިއަދު ހެނދުނު ބުންޏެވެ.
އެއަށްފަހު މިއަދު ފުލުހުން ބުނެފައިވަނީ ރޭ ފަތިހު 04:07 ހާއިރު ހުޅުމާލެ ފިލިގަސްމަގުގެ ކައިރީގައިވެސް މާރާމާރީއެއް ހިންގައިފި ކަމަށެވެ.
"މި މާރާމާރީ ހިންގި ސަރަހައްދަށް ފުލުހުން ދިއުމުން، މާރާމާރީ ހިންގި މީހާ އެ ހިސާބުގައި އޮތް ކާރަކަށް އަރައި ފިލަން މަސައްކަތް ކުރުމުން ފުލުހަކު އެ ކާރު ހުއްޓުވަން މަސައްކަތް ކުރަން އުޅުމުން ފުލުސް މީހާގެ ގައިގާ ކާރު ޖައްސަާފައި ކާރުގައި ތިބި ދެމީހުން ވަނީ ފިލާފައި" ފުލުހުން ބުނެފައިެވއެވެ.
އެތަނުން އެކަކު މިހާރު ހައްޔަރުކުރެވިފައިވާކަމަށާއި އަނެެއް މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މާރާމާރީގައި ޒަޚަމްވި މީހާއާއި އަނިޔާވި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
އެއަށްފަހު ތިންވަނަ މާރާމާރިއެއްގެ ވާހަކަ ހިއްސާކުރަމުން ފުލުހުން ބުނެފައިވަނީ މިއަދު މެންދުރު 12:45 ހާއިރު މާލޭގައި ޝަހީދު އަލީ މިސްކިތް ސަރަހައްދުގައި މާރާމާރީއެއް ހިންގައިފި ކަމަށެވެ. މި މާރާމާރީގައި ދެމީހަކު ޒަޚަމްވެފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މާލޭގައި ސިލްސިލާ މާރާމާރީތަކެއް ހިނގަން މި ފެށީ ދުވަސްތަކަކަށް ފަހުގައެވެ. ޙައްޖަށްފަހު ލިބުނު ޢީދުގައި ދިވެހިން ޢީދު އުފަލުގައި ސާމިލުވެ މިލްޖުލްވާއިރު ޢީދުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން އަންނަ ދިވެހި ފުލުހުންނަށް މި ޢީދު މި ދިމާވީ ގޮންޖެހުން ބޮޑު ޢީދަކަށް ކަމުގައި ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް