ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލި ޖިންސީ ކުށުގެ ދައުވާތައް އަނބުރާ ގެންދިއުމަކީ ޖިންސީ ގޯނާފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ލިބިގެންދިޔަ އިތުރު ހިތްވަރެއް ކަމުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.
އެމްއާރްއެމްއިން މިހެން ބުނެފައިވަނީ ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އުފުލުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދަށް ކުރި ދައުވާތައް އަނބުރާ ގެންދިޔުމާ ގުޅޭގޮތުން އެ ޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެމްއާރްއެމްގެ ނޫސްބަޔާނުގައި ބުނެފައިވަނީ ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ އަނިޔާ ކުރުމާއި ގެވެށި އަނިޔާ ފަދަ ކުށުގެ މައްސަލަތައް ނުބެލި ޝަރީޢަތުގެ މަރުޙަލާ ދިގުލައިގެން ދިއުމަކީ، އަނިޔާ ލިބޭ މީހުންނާއި ހެކިބަސް ދޭ މީހުންނަށް ވަރަށްބޮޑަށް ފިއްތުންތައް ކުރިމަތިވެ، މާޔޫސްވެގެން މައްސަލަ އިތުރަށް ކުރިޔަށް ގެންދިއުމުގެ ހިތްވަރު އެލިގެންދާކަމެއް ކަމަށެވެ. އެންމެފަހުން ގޮތްހުސްވެގެން މައްސަލަ އަނބުރާ ގެންދަނީ ކަމަށެވެ. އިންސާފު ހޯދުމަށްކުރާ މަސައްކަތުގައި ޝަރީޢަތުގެ މަރުޙަލާ ދިގުދެމިގެން ދިއުމަކީ އިންސާފު ނުލިބުން ފަދަ ކަމެއް ކަމަށެވެ.
"އަނިޔާ އާއި ފުރައްސާރައިން ރައްޔިތުންނަށް ރައްކާތެރިކަމާއި ހިމާޔަތް ހޯދައި ދިނުމަށް ޤާނޫނާއި ޤަވާއިދުތައް ހެދިފައި ވީނަމަވެސް އެބާވަތުގެ އަމަލުތަކުގެ ޝިކާރައަށް ވާ މީހުން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ޝަރީޢަތަށް ހުށަހެޅޭ ވަރަށް ހެއްކާއި ގަރީނާ ލިބެނީ މަދު ފަހަރަކު، އަދި މަދު ފަހަރަކު ޝަރީޢަތަށް ހުށަހެޅޭ މައްސަލަ ކުރިއަށް ނުގެންދެވި މައްސަލަ އަނބުރާ ގެންދާނަމަ ޤާނޫނާއި ޤަވާއިދުތައް ހެދުމަކީ އެއްވެސް މަޤްޞަދެއް ހަސިލުވާ ކަމެއް ކަމަކަށް ނުފެނޭ" އެމްއާރްއެމްއިން ބުނެފައިވެއެވެ.
ކަންބޮޑުވުން ފާޅުކުރަމުން އެމްއާރްއެމްއިން އިތުރަށް ބުނެފައިވަނީ މިފަދަ މައްސަލަތަކުގައި އާއްމުކޮށް ކަންހިނގާގޮތަށް ބަލާއިރު، ހެކިންނަށް ބިރުދެއްކުމުގެ ސަބަބުން، ދަޢުވާ ކުރަން ބޭނުން ނުވެ މައްސަލަތައް އަނބުރާ ގެންގޮސްފައިވާކަން ފާހަގަވާކަމަށާއި މި މައްސަލާގައިވެސް އެގޮތައް ކަންހިނގާފައިވުން އެކަށީގެންވާކަމަށެވެ. އަދި މިމައްސަލަ ދިގުލައިގެން ދިއުމުގެ ސަބަބުން އަނިޔާ ލިބުނު ވިކްޓިމްސް އަށް އިންސާފު ނުލިބުނުކަން ފާހަގަކުރެވޭކަމަށެވެ.
ދައުވާ އަނބުރާ ގެންގޮސް، އަނިޔާ ލިބުނު ވިކްޓިމްސަށް އިންސާފު ލިބުމުގެ ފުރުޞަތު ގެއްލިގެން ދިއުމަކީ އެ ޕާޓީއިން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަން ފާހަގަކުރަމުން އެމްއާރްއެމްއިން ބުނެފައިވަނީ އެ މައްސަލަ ކުރިއަށް ނުގެންދެވުމަކީ ޖިންސީ ގޯނާ އާއި ރޭޕް ފަދަ ބޮޑެތި ކުށްތައް މަދުކޮށް ހުއްޓުވުމުގައި ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އަދި އެފަދަ ޢަމަލުތަކުގެ ވިކްޓިމުންނަށް ލިބޭ އިތުރު ނިކަމެތި ކަމެއްކަމަކާއި، އެފަދަ ޢަމަލުތައްކުރާ މީހުންނަށް ލިބުނު އިތުރު ހިތްވަރެއް ކަމުގައި ވެސް ދެކޭކަމަށެވެ.
ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަކުރުމުގެ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހެކީންނަށް ރައްކާތެރިކަން ލިބޭނެ ނިޒާމެއް ޤާއިމް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކޮށް، އަދި އިންސާފު ލިބުމުގައި ޚާއްސަކޮށް އަންހެނުންނަށް ހުރި ގޮންޖެހުންތަކުން އަރައިގަނެ، އިންސާފު ލިބުމަށްހުރި ހުރަސްތައް ނައްތާލުމަށް އެޅެން ހުރި ފިޔަވަޅުތައް ވީހާ އަވަހަކަށް އެޅުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް އެމް.އާރް.އެމް އިން ގޮވާލާފައިވެއެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ގުޅިގެން 15 މީހެއްގެ ބަޔާން ނަގައި، ފުލުހުންގެ ފަރާތުން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިމައްސަލާގައި ދަޢުވާ ކުރުމަށް ފޮނުވިއެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ރޭޕްކުރަން އުޅުމާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމާއި، ހުއްދަ ނޫން ޖިންސީ މުއާމަލާތްތައް ހިންގުމުގެ ކުށުގެ ދައުވާ ހިމެނެއެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ އަޑުއެހުންތައް ސިއްރުކުރުމާ ގުޅޭގޮތުން، ކްރިމިނަލް ކޯޓުން ބުނެފައިވަނީ، މައްސަލައިގެ ބާވަތުން އެ އަޑުއެހުންތަކަކީ ސިއްރުކުރެވިފައިވާ އަޑުއެހުންތަކެއް ކަމަށެވެ. އަދި ޖިންސީ އަނިޔާ ދިނުމުގެ މިފަދަ ބޮޑެތި ސީރިއަސް ތުހުމަތުތަކެއްކޮށް، ތަހުގީގުކުރެވި މި މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަހުގީގަށް ބަޔާން ދީފައިވާ މީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބަޔާންކޮށް، ޕީޖީ އޮފީހަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ސިޓީއެއް ވެސް ފޮނުވާފައިވެއެވެ.
ޖިންސީ އަނިޔާ ދިނުމުގެ މިފަދަ ސީރިއަސް ތުޙުމަތު ތަކެއްކޮށް، ތަހުޤީގް ކުރެވި މިމައްސަލާގައި އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަހުޤީގަށް ބަޔާން ދީފައިވާ މީހުން، އެމައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާކަމަށާއި ބަޔާންތައް އަނބުރާ ގެންދަން އެދި ފުލުހުންނަށް ތަކުރާރުކޮށް ދިޔައީ ސިޓީ ފޮނުވަމުންނެވެ. އެހެންވެ މައްސަލަ އަލުން މުރާޖައާ ކޮށްދޭން ފުލުހުން އެދުނު ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތަށާއި ޕީޖީ އޮފީހަށް ފޮނުވަމުން އައި ސިޓީތަކާ ގުޅިގެން ޕީޖީ އޮފީހުންވަނީ އެފަރާތްތަކާއި ބައްދަލުކޮށް މައްސަލަ ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ދެކޭގޮތް ސާފުކޮށްފައި ކަމަށް ޕީޖީގެ ބަޔާނުގައި ވެއެވެ. އަދި އެމީހުންގެ ހެކިބަހާއި ނުލައި މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް އޮތްތޯ ބަލައި ދިރާސާ ކުރިއިރު، މައްސަލައިގެ މައިގަނޑު ހެއްކަކީ އަނިޔާލިބުނު މީހުންނާއި ހެކިންގެ ހެކިބަސް ކަމަށްވެފައި، އެއާއި ނުލައި މައްސަލަ ސާބިތު ކުރެވޭނެ އެއްވެސް މަގެއް ނެތްކަމަށް ފެނުމުން، އެ މައްސަލައިގެ ދައުވާތައް ޕީ.ޖީ އޮފީހަށް ވަނީ 6 ޖޫން 2023 ގައި އަނބުރާ ފޮނުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް