750 ޕަސިންޖަރުންނާއެކު ބަންޑުން ޖަހާލި ބޯޓުގައި 100 އަށްވުރެ ގިނަ ކުޑަކުދިން ތިބޭނެ ކަމަށް ލަފާކޮށްފި

ގްރީސް ބޭރުން 750 ޕަސިންޖަރުންނާއެކު ބަންޑުން ޖަހާލި ބޯޓުގައި 100 އަށްވުރެ ގިނަ ކުޑަކުދިން ތިބޭނެ ކަމަށް، މީހުން ސަލާމަތް ކުރުމުގައި މަސައްކަތް ކުރާ ފަރާތްތަކުން އަންދާޒާކޮށްފިއެވެ. އެ އަދަދު އަންދާޒާ...

16 Jun 2023 | 02:31

ގްރީސް ބޭރުން 750 ޕަސިންޖަރުންނާއެކު ބަންޑުން ޖަހާލި ބޯޓުގައި 100 އަށްވުރެ ގިނަ ކުޑަކުދިން ތިބޭނެ ކަމަށް، މީހުން ސަލާމަތް ކުރުމުގައި މަސައްކަތް ކުރާ ފަރާތްތަކުން އަންދާޒާކޮށްފިއެވެ.

އެ އަދަދު އަންދާޒާކޮށްފައިވަނީ ހާދިސާއިން ސަލާމަތްކޮށްފައިވާ މީހުންގެ ބަހަށް ބަލައިގެންނެވެ.

"މެސީނިއާ މައިގްރޭންޓް ބޯޓް ޑިޒާސްޓާ" ގެ ނަމުން ނަން ދީފައިވާ މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ދަންވަރު ރާއްޖޭ ގަޑިން ބަލާނަމަ 2:40 ހާއިރުގައެވެ. އެ ބޯޓަކީ ލީބިޔާއިން ފުރައިގެން އިޓަލީއަށް މިސްރާބު ޖެހި ބޯޓެކެވެ. އެ ބޯޓުގައި 750 ޕަސިންޖަރުން ތިބި އިރު އެ ޕަސިންޖަރުންގެ ތެރޭގައި މިސްރު، ސޫރިޔާ، ޕާކިސްތާން، އަފްޣާނިސްތާން އަދި ފަލަސްތީނަށް ނިސްބަތްވާ މީހުން ތިބި ކަމަށް ވެއެވެ. އެއީ މުޅިންވެސް، އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް، ވަގަށް ޔޫރަޕަށް އެތެރެވާން ދަތުރުކުރި މީހުންނެވެ.

މި ހާދިސާ ހިނގިކަން އެނގުމާއެކު ގްރީކް ކޯސްޓްގާޑާއި ގްރީޕް މިލިޓަރީ ގުޅިގެން މީހުން ސަލާމަތް ކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފައިވާއިރު މިހާތަނަށް 104 މީހަކު ސަލާމަތް ކުރެވިފައިވެއެވެ. މަރުވެފައިވާ 79 މީހެއްގެ ހަށިގަނޑު ފެނިފައިވެއެވެ. އެތައް ސަތޭކަ ބަޔަކު ކަނޑުވެފައިވާނެ ކަމަށް ބަލައި އެމީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި އަންނަނީ ކުރަމުންނެވެ.

އެ ބޯޓުގެ ފޮޓޯއެއް އިއްޔެ އާންމުކޮށްފައިވާއިރު އެ ބޯޓަކީ ދިގުމިނުގައި ގާތްގަނޑަކަށް 66 ފޫޓާއި 98 ފޫޓާއި ދެމެދުގެ ދިގުމިނެއް ހުންނާނެ، މަސް ބޯޓެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ބޯޓެއް ކަމުގައި ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

ލީބިޔާ އަކީ އިންސާނީ ވަގުފާރީގެ މައިގަނޑު އެއް ޕޮއިންޓަށް ވެފައިވާއިރު މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ލީބިޔާއިން ޔޫރަޕަށް މިގޮތަށް މީހުން އުފުލުން އާންމުވެފައިވެއެވެ. މިގޮތަށް މީހުން އުފުލުމުގެ ތެރޭގައި ހިނގާފައިވާ ހިތާމަވެރި ހާދިސާތަކުގައި މިދިޔަ އަހަރު އެކަނި 3800 މީހަކު މަރުވެފައިވެއެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހު ހިނގި މިފަދަ ހާދިސާއެއްގައި އެކަނިވެސް 94 މީހަކު މަރުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް