ރައްކާތެރި މުޖްތަމައެއް ބިނާކުރުމަށްޓަކައި މުޖްތަމައުގައި ކުށްމަދުކޮށް, ޢާއްމު ރައްޔިތުން ހޭލުންތެރިކުރުވުމަށް މޯލްޑިވްސް
ޕޮލިސް ސަރވީސްގެ ފަރާތުން ކުރިޔަށްގެންދާ ކޮމިޔުނިޓީ ސޭފްޓީ ޕާޓްނަރޝިޕް ޕްރޮގްރާމް އެމް.ޑަބްލިޔު.އެސް.ސީއިން ސްޕޮންސަރ ކޮށްފިއެވެ.
އެމް.ޑަބްލިޔު.އެސް.ސީން ބުނީ މި ސްޕޮންސަރޝިޕްގައި ސޮއިކޮށްފައިވަނ، މިއަދު މޯލްޑިވްސް ޕޮލިސް ސަރވީސްގައި ބޭއްވުނު ހަފްލާގައި ކަމަށެވެ.
އެގޮތުން އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު އެވެ. މި ރަސްމިޔާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެމް.ޑަބްލިޔު.އެސް.ސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީން ބުނީ މިއަހަރުގެ ކޮމިޔުނިޓީ ސޭފްޓީ ޕާޓްނަރޝިޕް ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ "އިސްނަގާނީ އަހަރެން"" މި ޝިއާރުގެ ދަށުން ކަމަށެވެ. ކޮމިޔުނިޓީ ސޭފްޓީ ޕްރޮގުރާމް ކުރިއަށް ގެންދެވޭނީ ހުރިހާ އުމުރުފުރަޔަކަށް ގުޅޭގޮތުން ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ހާމަކުރެއެވެ.
މިގޮތުން ކޭމްޕްތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިޔަށް ގެންދަން އަމާޒުކޮށްފައިވަނީ ސްކޫލް ކުދިންނާއި، ޒުވާނުންނާއި އަދި އިސްރަށްވެހިންނަށް ޙާއްސަކޮށްގެންނެވެ. އެމް.ޑަބްލިޔު.އެސް.ސީން ބުނީ މި ޕްރޮގްރާމްގެ ދަށުން ހަރަކާތްތަކުގެ ބައިވެރިންނަށް އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމުގެ ހުނަރުތަކާއި ފުރަތަމަ އެހީ ފޯރުކޮށްދޭނެ ގޮތްތައްވެސް ދަސްކޮށްދޭނެއެވެ.
އަދި އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެގޮތްތައް ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ތަމްރީންތަކާއި، ޑޮމެސްޓިކް ހައުސް ވަޔަރިންގއާއި، އާންމު ދިރިއުޅުމާއި މުޖުތަމައުގައި އުޅޭއިރު އަމަލުކުރަންޖެހޭ ގޮތްތަކާއި، ދިރިއޅުމުގެ ރިވެތި އަދަބުތަކާއި، ލީޑަރޝިޕްގެ ބައިތަކުގެ އިތުރުން، ރެޕަލިންގެ ހަރަކާތްތައްވެސް ކުރިއަށް ގެންދެވޭނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ބުނެއެވެ.
އެމް.ޑަބްލިއު.އެސް.ސީގެ އަމާޒަކީ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން، މުޖުތަމައުގެ ކުރި އެރުމާއި، ލާބައާއި މަންފާއަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް