އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން ހިންގި "އެކްސަސައިޒް ބްލެކް މަރލިން" ކާމިޔާބުކަމާ އެކު ނިންމާލައިފި

ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާގެ ސެކިޔުރިޓީ ފޯސް އެސިސްޓެންސް ބްރިގޭޑް (އެސްއެފްއޭބީ) އާ ގުޅިގެން އެމްއެންޑީއެފުން ހިންގި "އެކްސަސައިޒް ބްލެކް މަރލިން 2022" ކާމިޔާބުކަމާ ...

16 Jun 2022 | 11:04

ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާގެ ސެކިޔުރިޓީ ފޯސް އެސިސްޓެންސް ބްރިގޭޑް (އެސްއެފްއޭބީ) އާ ގުޅިގެން އެމްއެންޑީއެފުން ހިންގި "އެކްސަސައިޒް ބްލެކް މަރލިން 2022" ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

އެކްސަސައިޒް ބްލެކް މަރލިން ތަމްރީނަކީ ސިފައިން އަދާކުރަންޖެހޭ އޮޕަރޭޝަނަލް ޓާސްކުތަކަށް ތަމްރީނުކޮށް، ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށާއި، އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ރެޑިނަސް އަދި ކޭޕެބިލިޓީ އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ތަމްރީނެކެވެ.

މި އެކްސަސައިޒް ނިންމުމުގެ ގޮތުން ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ޖޫން 16 ވަނަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

އެމްއެންޑީއެފުން ބުނީ އެމެރިކާ އަސްކަރިއްޔާގެ އެސްއެފްއޭބީ އަދި އެމްއެންޑީއެފް ގުޅިގެން ރާއްޖޭގައި މި ތަމްރީނު ހިންގާފައިވަނީ 2022 މެއި 15 އިން 2022 ޖޫން 10 ވަނަ ދުވަހުގެ ނިޔަލަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް، ޅ.މާފިލާފުށީގައި ކަމަށެވެ.

އަދި މިއީ، އެމެރިކާ އަސްކަރިއްޔާއާ ގުޅިގެން އެމްއެންޑީއެފުން ބޭއްވި "އެކްސަސައިޒް ބްލެކް މަރލިން" ގެ ދެވަނަ ތަމްރީނު އެކްސަސައިޒެވެ.

މި އަހަރުގެ މި ޓްރެއިނިންގ އެކްސަސައިޒް ފޯކަސްކުރި ދާއިރާތަކަކީ އިންފެންޓްރީއާއި، މެޑިކަލް ކޮމްބެޓާއި، ލޮޖިސްޓިކްސް އަދި އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ދާއިރާއިންނެވެ. މިގޮތުން މި ތަމްރީނުތައް ކުރިއަށްދިޔައިރު، ސިމިޔުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރިއެވެ. މިޓްރެއިނިންގ އެކްސަސައިޒްގައި އެމެރިކާ އަސްކަރިއްޔާގެ ފަރާތުން 25 މުދައްރިބުން ބައިވެރިވިއެވެ. އަދި މި ތަމްރީނުތަކުގައި މިފަހަރު އެމްއެންޑީއެފްގެ 70 ސިފައިން ބައިވެރިވިއެވެ.

މި  ތަމްރީނުތަކުގައި ބައިވެރިވި ދިވެހި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޔޫއެސް ޕެސިވިކްގެ ޑެޕިއުޓީ ކޮމާންޑިންގ، މޭޖަރ ޖެނެރަލް ކްރިސް ސްމިތުއެވެ.

އަދި، އެމެރިކާގެ މުދައްރިބުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް މެރިން ކޯރ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދެވެ.

މި ރަސްމިއްޔާތުގައި ތަމްރީނު ހިންގުމުގައި އެމެރިކާ އަސްކަރިއްޔާއިން ދެއްވި އެހީތެރިކަން ފާހަގަކުރައްވައި، އެމްއެންޑީއެފުން ވަނީ އެމެރިކާ އަސްކަރިއްޔާއަށް މޮމެންޓޯއެއް ހަދިޔާކުރައްވާފައެވެ.

އެމްއެންޑީއެފްގެ ފަރާތުން މި މޮމެންޓޯ އެމެރިކާ އަސްކަރިއްޔާއަށް ހަދިޔާކުރެއްވީ އެމްއެންޑީއެފް މެރިން ކޯރ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤެވެ.

އެކްސަސައިޒް ބްލެކް މަރލިން ފުރަތަމަ ބޭއްވުނީ 2021 ފެބުރުވަރީ 24 އިން 5 އެޕްރީލް 2021 އަށް މާފިލާފުށީގައެވެ. ފުރަތަމަ ފަހަރު ބައިވެރިކުރީ 30 ސިފައިންނެވެ. އަދި އެމެރިކާ އަސްކަރިއްޔާއިން 14 މުދައްރިބުން އެފަހަރު ބައިވެރިވިއެވެ.

"އެކްސަސައިޒް ބްލެކް މަރލިން 2022" ނިންމުމުގެ ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، އެމްއެންޑީއެފް މެރިން ކޯރ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފާއި، ޔޫއެސް މިޝަންގެ ޗާޖް ޑި އެފެއަރޒް އާންޑްރޭ އައްޕެލް އަދި އެމެރިކާ އަސްކަރިއްޔާގެ މުދައްރިބުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް